Advertisement

އެމްއެމްއޭއިން ދެ މަސް ތެރޭ ބޭންކްތަކަށް 23.3 މިލިއަން ޑޮލަރު ވިއްކައިފި

ރާއްޖޭގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި އަދަދެއް ޤައުމުގެ ބޭންކުތަކުގައި މާރުކުރުމަށް ލާޒިމުކުރާ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން، ކޮންމެ ހަފުތާއަކު ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާ އަދަދުން ވަކި މިންވަރެއް އަނބުރާ ބޭންކުތަކަށް ވިއްކަން ފަށައި، ފާއިތުވި ދެ މަސް ތެރޭ 23.3 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެ ގޮތެއްގެ މަތިން ރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ މަނިޓަރީ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައެވެ.

Advertisement

އެމްއެމްއޭއިން ޢާންމުކުރި މަޢުލޫމާތުގައި ވަނީ ރާއްޖެއަށް ލިބޭ ބޭރުގެ ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ޞިނާޢަތުން ކަމަށްވާއިރު، އެ ދާއިރާ ކުރިއަރައި ބޭރު ފައިސާގެ އާމްދަނީ އިތުރުވި ނަމަވެސް ރިޒާވް އިތުރުވެފައިނުވާކަން ފާހަގަކޮށްފައެވެ. މީގެ ސަބަބުތަކުގެ ތެރޭގައި، ތެލަށް ކުރާ ޚަރަދު ބޮޑުވުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށާއި އަމިއްލަ ވިޔަފާރިތަކާއި ޢާންމުންގެ ބޭނުމަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުވުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ބިޔަ ތަރައްޤީގެ މަޝްރޫޢުތައް ބޭރުގެ ލޯނު އެހީ ބޭނުންކޮށްގެން ހިންގާއިރު، ބޭރުގެ ދަރަނި ބޮޑުވުމުން ފާއިތުވި ދެތިން އަހަރު ސަރުކާރަށް ބޭރުގެ މާލީ އެހީ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާކަން މަރުކަޒީ ބޭންކުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މި ޤައުމުގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ އައު ގަވާއިދެއް ތަންފީޛުކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގައެވެ. އެ ގަވާއިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރުން ލާޒިމުކުރެއެވެ.

އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނުން ލުއިތަކެއް ދިނުމަށް ފަހު، މި އަހަރު ތަންފީޒުކުރަން ފެށިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ގާނޫނުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ. އަދި, ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި, ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.

މި ޤާނޫނާއި ގަވާއިދުގެ ދަށުން ކޮންމެ ހަފުތާއަކު ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ވިއްކުމަށް ފުރަތަމަ އަންގާފައިވެއެވެ. މިދިޔަ ޖޫން މަހު އެ އަދަދު 90 އިންސައްތައަށް އިތުރުކޮށްފައިވާއިރު، ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ ކޮންމެ ހަފުތާއަކު އަލުން އަނބުރާ ބޭންކުތަކަށް ވިއްކަމުން އަންނަ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

“މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ގޮތެއްގައި، ވިިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ. މި އުސޫލުގެ ދަށުން ޖޫން އަދި ޖުލައި މަހު ޖުމްލަ 23.3 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ވިއްކާފައި،” އެ އޮތޯރިޓީން ބަޔާންކޮށްފައިވެއެވެ.

ޑޮލަރު އިތުރުކުރުމުގެ އިތުރުން ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަކުރުމަށް ވެސް އެމްއެމްއޭއިން ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ މުޢާމަލާތްތަކަށް ފައިސާ ދެއްކުމުގައި އި އެމެރިކާ ޑޮލަރުގެ ބަދަލުގައި ދެ ޤައުމުގެ އަމިއްލަ ފ ފައިސާ ބޭނުންކުރުމުގެ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް މާލީ ގޮތުން އެންމެ ބޮޑެތި އެހީތައް ވެދޭ އެއް ގައުމު ކަމަށްވާ އިންޑިއާއާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް މިދިޔަ ނޮވެންބަރު މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފުތާގައި ވަނީ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ވަރަށް އަވަހަށް ރުޕީސްއިން ޚިދުމަތް ހޯދޭނެ ކަމަށް ވިދާޅުވެފައެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ބޭންކުތަކުގައި މާރު ކުރާ ގަވާއިދާމެދު ޓޫރިޒަމްގެ ޚިދުމަތްދޭ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް، މިހާރު 95 ޕަސެންޓް ވިޔަފާރިތަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް