ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ބޭންކުގެ މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ތަރައްޤީކުރުމަށް ބޭންކުން ދޭ އެހީތެރިކަމުގެ ބައެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އާންމުކޮށް މި ގްރާންޓް ދެ ވިޔަފާރިއަކަށް ދިން ނަމަވެސް މި އަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިން ވިޔަފާރިއަކަށް ގްރާންޓް ދޭން ވަނީ ނިންމައިފައެވެ.
BML Startup Grant is open for applications for the year 2025! 🙌
✨ THREE emerging entrepreneurs have the chance to win MVR 500,000
In celebration of BML Islamic’s 10th anniversary, a third business has the chance to receive the grant – this is an increase from the regular two… pic.twitter.com/xd7WhwJuWC
— Bank of Maldives (@bankofmaldives) August 7, 2025
މި ގްރާންޓްގެ ދަށުން، ކޮންމެ ވިޔަފާރިއަކަށް 500,000 ރުފިޔާ ލިބޭނެއެވެ. މާލީ އެހީތެރިކަމުގެ އިތުރުން، ބޭންކުން ވަނީ ކާމިޔާބުކަމާ އެކު އެ މީހުންގެ ވިޔަފާރީގެ ޕްލޭންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ މާލީ އިރުޝާދު ދިނުމަށް ވެސް ނިންމާފައެވެ.
މި ގްރާންޓަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

މި ގްރާންޓާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ސްޓާޓަޕް ގްރާންޓަކީ ވިޔަފާރިތަކަށް އެހީތެރިވެ، ރާއްޖޭގެ ސްޓާޓަޕް މާހައުލާއި ބޭންކާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ.
“މި ޕްރޮގްރާމްގެ ތެރެއިން، ވަޒީފާގެ ފުރުސަތުތައް އުފައްދައި، މުޖުތަމަޢަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، ސްޓާޓަޕް ކޮމިއުނިޓީގެ ވިޔަފާރީގެ ރޫހު ތަރައްޤީކުރަމުންދާނެ،” އޭނާ ވިދާޅުވިއެވެ.

މި ގްރާންޓަށް އެދި ހުށަހަޅާ ފޯމުތައް، ސެޕްޓެންބަރު ހަތްވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ބޭންކަށް އީމެއިލް ކުރަން ޖެހޭނެއެވެ. ބީއެމްއެލް ސްޓާޓަޕް ގްރާންޓް ފެށީ 2022 ވަނަ އަހަރެވެ. މި ގްރާންޓްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ތަރައްޤީކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ އާ ވިޔަފާރިވެރިންނަށް ފަންޑު ހޯދައިދިނުމެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި ޝަރުޠުތައް ފަދަ އިތުރު ތަފްޞީލުތައް ބޭންކްގެ ވެބްސައިޓުން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު