ކައުންސިލްތަކުގެ މާލީ ބައެއް ބާރުތަކަށް ބަދަލުގެނައުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވި އެވެ.
މި އިސްލާހުގައި ބުނެފައިވަނީ، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ، ރަށުގެ އަމިއްލަ ފަރާތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ. އެ ކުންފުނިންކުރާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. އަދި މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވާންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އިސްލާހުގައި ބުނެފައިވަނީ، މި އިސްލާހަށް އަމަލުކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގަމުންދާ ވިޔަފާރީގެ ހަރަކާތްތައް އިސްލާހުގައި ބަޔާންކުރާ ކަންކަމާ ތައާރުޒުވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ ފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެ ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކައުންސިލަށް ކުއްޔެއް ނުނެގޭނެ ކަމަށެވެ.
މީގެއިތުރުން ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ އަދި ކޮންޓްރެޓް އުސޫލުން މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށާއި، ކައުންސިލްގެ ފަހު އަހަރުގައި، އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައްވެސް ކައުންސިލްގެ ފަހު އަހަރުގައި ފެށޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު