މުއައްސަސާތަކުގެ މިނިވަންކަމަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޒިޔާދު ފާހަގަކުރެއްވީ، ރާއްޖޭގައި ޤާއިމުކުރެވިފައިވާ މުއައްސަސާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި މަސައްކަތްކުރަމުން އަންނަ އެއް މުއައްސަސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ކަމަށެވެ. އަދި ވިދާޅުވީ، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ޢަމަލީ މައިދާނުގައި ކަންކަން ހިނގަމުންދާ ގޮތާ ދެމެދު ފަރަގު ހުރި ކަމަށެވެ.
މެންބަރު ޒިޔާދު އިތުރަށް ވިދާޅުވީ، ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ނުދެވޭ ޙާލަތްތައް ދިމާވާ ކަމަށާއި، ޓެކްސް ނުދައްކާ ހުރިހާ ފަރާތްތަކަކީ ޓެކުހަށް މަކަރުހަދާ ފަރާތްތަކެއް ނޫންކަމަށެވެ. އެގޮތުން، އެކި ސަބަބުތަކާ ހުރެ ޙަޤީޤަތުގައިވެސް ޓެކްސް ދެއްކުމަށް ދަތިވާ ފަރާތްތައް ހުންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ މެދުގައި ތަފާތުތަކެއް ހުންނާނެކަން ފާހަގަކުރައްވައި، މެންބަރު ޒިޔާދު ވިދާޅުވީ މި ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.
މެންބަރު ޒިޔާދު އިތުރަށް ވިދާޅުވީ، މުއައްސަސާތަކުގެ ހިންގުމަށް ސަރުކާރުގެ ނުފޫޒު ފޯރުވޭގޮތަށް އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި، އެފަދަ ބައެއް ޙާލަތްތައް ފަހަކަށް އައިސް ފާހަގަކުރެވިފައިވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ފަހަކަށް އައިސް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ ބަދަލުވެގެންދިޔަ މަންޒަރު. އަދި ހަމައެހެންމެ، ވަޒީރެއްގެ ފޯނު ގުޅުމަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރުގެ މަޤާމު ގެއްލިގެންދިޔަ މަންޒަރު. ރާއްޖޭގައި މަރުގެ ތަޙުޤީޤުތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދިޔަ އެއް ތަޙުޤީޤުކުރާ ފަރާތުގެ މަޤާމު ބަދަލުވެގެންދިޔަ. މިހާރު މިއޮތް ގޮތުން މީރާއަށް ސަރުކާރުގެ ނުފޫޒު ފޯރުވައި، މީރާގެ ބޯޑު ތަކުރާރުކޮށް ބަދަލުކުރަން ޖެހިއްޖެނަމަ އެއީ ރަނގަޅުކަމެއް ނޫންކަމަށް އަޅުގަނޑު ޤަބޫލުކުރަން. މި ދައުރ ދައުރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ހިންގުންވެސް ބަދަލުވެގެން ދިޔަ. ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ސަބަބުން މުޅި ސުޕްރީމް ކޯޓުގެ އޮނިގަނޑު ބަދަލުވެގެން ދިޔަ. މިއީ ކަންކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތެވެ.”
މެންބަރު ޒިޔާދު އިތުރަށް ފާހަގަކުރެއްވީ، ބަޖެޓުގެ ދަތިކަން ހުރި ކަމަށް ސަރުކާރުން ވިދާޅުވާއިރު، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރާ އެކިއެކި ކުންފުނިތަކާއި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ހުރި ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކުރަމުންދާ މަންޒަރު ފެންނަ ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން މުޅި ޓެކްސް ނިޒާމަށްވެސް ނޭދެވޭ އަސަރުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ހަމައެކަނި ޤާނޫނު ހެދުމަކުން ނުފުދޭ ކަމަށާއި، ޤާނޫނަށް ޢަމަލުކުރެވޭތޯ ބަލާ، ފާރަވެރިވާނެ ފަރާތްތަކެއްވެސް ތިބެންޖެހޭ ކަމަށެވެ. އެގޮތުން، ކިތަންމެ ފުރިހަމަ ޤާނޫނެއް އެކުލަވާލެވުނު ނަމަވެސް، އެެ ޤާނޫނަށް ޢަމަލު ނުކުރެވޭނަމަ އޭގެ މަޤްޞަދު ޙާޞިލުނުވާނެ ކަމަށްްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު