ރާއްޖެއަށް އަންނަ ޝެޑިއުލް ފްލައިޓްތައް %6 އިން މައްޗަށް، ގޮސްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.
އެރިޕޯޓްގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއަށް ޝެޑިއުލްކޮށްގެން ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ވަނީ %6.2 ގެ ނިސްބަތުން އިތުރުވެފައެވެ. މި އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އިތުރުވުމުގެ ސަބަބުން މުޅި ޖުމްލަ ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސްވެސް ވަނީ %5.6 އިން އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ބައިނަލްއަޤްވާމީ 8,807 ދަތުރު ކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 8,337 ގައެވެ. މީގެތެރެއިން ޝެޑިއުލް ދަތުރުތަކުގެ އަދަދު މިދިޔަ އަހަރުގެ 7,611 އިން މިއަހަރު ވަނީ 8,088 އަށް އަރާފައެވެ.
ޝެޑިއުލް ދަތުރުތައް މިހާ ބޮޑުތަނުން އިތުރުވިއިރު، ޕްރައިވެޓް ޖެޓާއި ޗާޓަރ ފްލައިޓްތައް ހިމެނޭ ‘ޖެނެރަލް ފްލައިޓް މޫވްމަންޓްސް’ އަށް ވަނީ ކުޑަ ދަށްވުމެއް އައިސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 726 ޖެނެރަލް ފްލައިޓް މޫވްމަންޓްސް ރެކޯޑް ކުރެވުނުއިރު، މިއަހަރުގެ މި މުއްދަތުގައި ރެކޯޑް ކުރެވިފައިވަނީ 719 މޫވްމަންޓްސްއެވެ.
އުދުހުންތަކުގެ އަދަދު އިތުރުވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު %9.4 ގެ އިތުރުވުމެކެވެ.
މި ކުރިއެރުންތަކާއެކު، ކުރިއަށް އޮތް ފިނި މޫސުމަށް އަމާޒުކޮށް، ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. މީގެ ތެރޭގައި މެލޭޝިއާ އެއަރލައިން، ގަތަރު އެއާވޭސް، ކޮންޑޯ އަދި ވާޖިން އެޓްލާންޓިކް ފަދަ އެއަރލައިންތައް ހިމެނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު