ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ލަންކާގެ ރައްޔިތުންނާ ކައިވެނިކޮށްގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިރޭ ހާމަކުރި ގޮތުގައި، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ (ލަންކާގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް) އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް އެ ޤައުމުގެ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނިންމާފައިވެއެވެ.
މީގެ ކުރިން ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް ވިސާ ދޫކުރަމުން އައީ 3-4 މަސް ދުވަހުގެ މުއްދަތަށެވެ. މި ކުރު މުއްދަތުގެ ސަބަބުން ކުރިމަތިވި ގިނަގުނަ ދަތިތަކާ ގުޅިގެން، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މެ މަސައްކަތުގެ އަލީގައި މި ނިންމުން ބަދަލުކުރެވުނު ކަމަށް ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައިވެއެވެ.
ސްރީ ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތަޢުލީމު ހާސިލުކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށްވެސް އެއް އަހަރުގެ ވިސާ ލިބޭގޮތަށް ހަމަޖެއްސިކަން އިޢުލާންކުރެއްވީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި ދެ ޤައުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ސްރީ ލަންކާ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
“ވަކިން ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިލްތިމާސްކުރަމެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، މިކަމަށް ސަމާލުވުމަށް ސްރީ ލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ،” ޚާރިޖީ ވުޒާރާއިން ބުންޏެވެ.
ދިވެހިރާއްޖެއަށް އަންނަ ސްރީ ލަންކާގެ ރައްޔިތުންނަށްވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިދިޔަ މަހު ވަނީ ތަޢާރަފުކޮށްފައެވެ. މިއީވެސް ސްރީ ލަންކާގެ ރައީސް ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުޢިއްޒާއެކު ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްކަމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، ސްރީ ލަންކާއަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ ވަނީ މިދިޔަ މަހު ރަސްމީކޮށް އުނިކޮށްފައެވެ.
2019 ވަނަ އަހަރު ސްރީ ލަންކާގައި ހިނގި ޓެރަރިސްޓް ހަމަލާތަކަށްފަހު، އެ ޤައުމުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ސްރީ ލަންކާއަށް ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ބޭރު ޤައުމުތަކުގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުނެވެ. މީގެ ސަބަބުން ވިސާ ލިބުމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކެއް މިދިޔަ މުއްދަތުގައި ކުރިމަތިވިއެވެ.
މި އައު ބަދަލުތަކާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ. މިއީ ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ފާހަގަކުރެވެއެވެ.
ޚާއްޞަކޮށް، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި، އެ ޤައުމުގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް މި ބަދަލުގެ ސަބަބުން ލިބިގެންދާނެ ފަސޭހަތަކަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެވެއެވެ. އެއް އަހަރުގެ މުއްދަތަށް ވިސާ ލިބުމުން، އެ ފަރާތްތަކަށް ދިމާވަމުންދިޔަ ގިނަ ދަތިތަކަށް ޙައްލު ލިބިގެންދާނެއެވެ.
މި ބަދަލުތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެއްކަމުގައި ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު