އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ހުޅުވައިގެން ހިންގާ އޮޕްޓިކަލް އައުޓްލެޓް މެދުވެރިކޮށް، ހިލޭ އައިނު ހެދުމަށް 1،267 މީހުން ކިއު ޖެހިފައިވާއިރު، މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) އޮޕްޓިކަލްސް އައުޓްލެޓުން އައިނު ހެދުމަށް އެޕޮއިންޓްމަންޓް ދޭން ފެށުމާއެކު، 28 ޖުލައިގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއު ޖަހާފައެވެ. އައި.ޖީ.އެމް.އެޗް އޮފިޝަލަކު ބުނި ގޮތުގައި ފުރަތަމަ ތިން ދުވަހު ޖުމްލަ 361 މީހުން ރަޖިސްޓްރީ ވެފައި ވެއެވެ. އަދި މިހާތަނަށް 1200 އަށްވުރެ ގިނަ މީހުން ވަނީ ހިދުމަތަށް އެދިލައްވާފައެވެ.
“1267 މީހުން މި ހިދުމަތަށް އެދިލައްފާއިވޭ. މިދެންނެވީ ކިޔޫގައި މިހާރު އެބަތިއްބޭ.” އައިޖީއެމްއެޗުން ވިދާޅުވިއެވެ.
އައި.ޖީ.އެމް.އެޗްގެ ތަރުޖަމާނު މިދިޔަ އަންގާރަ ދުވަހު މީޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިދުމަތް ފެށުނު ފަހުން މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކުރެވިފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު 20 އާއި 30 އާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރަމުންދާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، އިއްޔެ ހަވީރާ ހަމައަށް 1،267 މީހުން މި ހިދުމަތަށް ކިއު ހަދާފައިވެއެވެ. ކޮންމެ ދުވަހަކު އާންމުކޮށް 45 މީހުންގެ ލޯ ބަލައި، އައިނު ހެދުމުގެ ހިދުމަތް ދެމުންދާ ކަމަށާއި، މިހާރު ކިއުގައި ތިބި 1،267 މީހުންނަށް ހިދުމަތް ދިނުމަށް ގާތްގަޑަކަށް 28 ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
އައިނު ހެދުމަށް ކިއު ޖެހުމަށްޓަކައި 3335150 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ ސީދާ ފިހާރައަށް ޒިޔާރަތްކޮށްގެން ވެސް ރަޖިސްޓްރީ ވެވޭނެއެވެ. އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، އުމުރުން ދޮށީ މީހުންނަށް ކިއުގައި މަޑުކުރަން ނުޖެހޭނެ ގޮތަށް ހާއްސަ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިން ރާއްޖޭގައި އައިނު ހެދުމުގެ ހިދުމަތް ދެމުން އައީ ހަމައެކަނި އަމިއްލަ ފަރާތްތަކުންނެވެ. އައިނުގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ހަރަދެއް ކުރަން ޖެހި، އާސަންދައިން ލިބޭ 1،000 ރުފިޔާ އުނިކުރުމަށް ފަހު ވެސް ބޮޑެތި އަދަދުތަކެއް އަމިއްލަ ހަރަދުން ދައްކަން ޖެހުމުން، މިކަމާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.
މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދައިގެ ދަށުން އައިނަށް ލިބޭ ފައިސާގެ އަދަދު 1،000 ރުފިޔާއިން 2،000 ރުފިޔާއަށް 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ބޮޑުކުރައްވާފައެވެ. އަދި އާސަންދައިގެ ދަށުން އައިނު ހަދައިދިނުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް އެންގެވީ ވެސް ރައީސް މުއިއްޒުއެވެ.
އެމް.ސީ.ޖީ.އެޗްގެ ސީ.އީ.އޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް ވިދާޅުވެފައިވާ ގޮތުގައި، މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ކުރިއަށް އޮތް މަސްތަކުގައި ހުޅުމާލެ ހޮސްޕިޓަލްގައި ވެސް މި ހިދުމަތް ފަށައި، އޭގެ ފަހުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް ފުޅާކުރެވޭނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހިލޭ އައިނު ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު