ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކުރުމަށް، ޖެންޑަރ މިނިސްޓްރީން މިފްކޯއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މިފްކޯގެ ފަރާތުން އިންޓަރންޝިޕް އާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ސޮއިކޮށްފައިވާ ފަހުމުނާމާއެކެވެ.
މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ‘ހާލު ކިހިނެއް؟’ ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވޭ ފަގީރު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަގީންކުރާނެއެވެ.

މީގެއިތުރުން ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގާބިލުކަން ހުރިކަން ވެސް ކަށަވަރުކުރެވިގެންދާނެއެވެ.
އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމާއި، ބަރޯސާވުން ކުޑަކޮށް، އަބުރުވެރިކަމާއެކު ދިރިއުޅޭ އުފާވެރި އާއިލާތަކެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މި މަސައްކަތުގެ ތެރެއިން އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އުޅެވޭނެ މަގު ވަހިވެގެންދާނެއެވެ.
މިއީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު