Advertisement

ޑޮލަރު މައްސަލާގައި ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބާއްވަމުންދާ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ކޮމިޓީ ސިއްރު ކުރުމަށް އެދިވަޑައިގަތީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އެވެ. އެއާއެކު، މި ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ.

Advertisement

މި ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމާ ދެކޮޅަށް އެ ކޮމިޓީގައި ތިއްބަވާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެންބަރުން ވާހަކަ ދެއްކެވި އެވެ. މަމްދޫހުގެ ހުށަހެޅުން ފާސްކުރީ ހަ މެންބަރުންގެ ވޯޓާއެކު އެވެ. ކޮމިޓީ ސިއްރު ނުކުރަން ދެ މެންބަރުން ވޯޓު ދެއްވިއެވެ.

“ގައުމީ ސަލާމަތަށް އަދި ރައްޔިތަކަށް ފޮރުވަން ޖެހޭ ފަދަ އެއްވެސް މައުލޫމާތެއް، ގައުމުގައި މިހާރު އޮތް ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މަޖިލީހުގައި ކުރާ ހުރިހާ މަސައްކަތެއް ސިއްރު ކުރުމުން މަގުސަދެއް ހާސިލެއް ނުވޭ،” ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވިއެވެ.

އޭނާގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ ކޮމިޓީ ސިއްރު ކުރުމަށް ދެކޮޅު ހައްދަވާފަ އެވެ. މެންބަރުން ކުރާ ސުވާލުތައް އާންމު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި ކޮންމެ ކަމެއް ސިއްރު ކުރަން ނުޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައިގައި އެމްއެމްއޭއިން އަޅަމުންދާ ފިޔަަވަޅުތައް މަޖިލީހާ ހިއްސާކުރަން އެދުނީ އެ އޮތޯރިޓީންނެވެ. އެމްއެމްއޭއިން މިކަމަށް އެދުނީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން އެ އޮތޯރިޓީއަށް ގޮސް މި މައުލޫމާތު ހޯދަން ގަވަރުނަރާ ބައްދަލުކުރަން މަސައްކަތް ކުރާތާ ވެސް ދުވަސްތަކެެއް ވީ ފަހުންނެވެ.

ޑޮލަރު ތާށިކަން ބޮޑުވެ، އޭގެ ނުރަނގަޅު އަސަރުތައް އިގުތިސޯދަށްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް އަންނަނީ އޭގެ އަސަރުތައް ފެންނަމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެން ހުރި އަގު ރެކޯޑު މިންވަރަކަށް އުފުލިފައިވާއިރު، މިކަމުގައި އެމްއެމްއޭއިން ބަހެއް ނުބުނާތީ ކަންބޮޑުވުން ވެސް ބޮޑެވެ.

ސަރުކާރުން މިހާތަނަށް މިކަމުގައި ސީދާ އެއްޗެއް ނުބުނި ނަމަވެސް، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، ބައެއް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. މި ފިޔަވަޅުތައް އެޅި ނަމަވެސް، ޑޮލަރަށް އޮތް ޑިމާންޑާ އެއް ވަރަށް ސަރުކާރަށް ސަޕްލައިނުކުރެވޭނެ ކަމަަށް މި ނޫހާ ވާހަކަ ދެއްކި ތަޖުރިބާކާރުންނާއި ވިޔަފާރިވެރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި