ފްލެޓް އެގްރީމެންޓްތައް ލަސްވާ މައްސަލައިގައި ދަރުބާރުގޭ ކައިރީގައި މުޒާހަރާކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން އެގްރިމެންޓް ހަދައިދީފައިވާ މީހުންގެ ތެރެއިން މުޒާހަރާގައި ބައިވެރިވި މީހަކު ބުނީ މިހާތަނަށް އައު އެގްރީމެންޓް ހެދުމަށް ހައުސިންގ މިނިސްޓްރީން ގުޅާފައިނުވާ ކަަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުން ލަސްވަމުންދާ ކަމަށް ބުނެ އިހުތިޖާޖު ކުރި މީހުން ބުނަމުންދިޔައީ އެމީހުންނަށް ފްލެޓްގެ އެއްބަސްވުން ހެދޭނެ ތާރީހެއް އަންގައިދޭން އެދޭ ކަމަށެވެ.
މިކަމާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ފްލެޓްތަކުގެ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.
މީގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފަރާތުން ބުނެފައިވަނީ އުދަރެސް އަދި ދޯދި ފްލެޓްތަކުގެ މަސައްކަތްތައް ޖުމްލަކޮށް ނިމިފައިވާ ކަމަށެވެ.
އެފްޑީސީއިން ތަރައްޤީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގައި 16 ޓަވަރު ހިމެނޭއިރު، 96 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެފްޑިސީން ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައިކަމަށެވެ.
އަމާޒަކީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރިހާ އެޕާޓްމަންޓްތައް ހަވާލުކޮށް ނިންމާލުންކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު