ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރަށް ވިސާ ދިނުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު، ވިޖިތާ ހެރަތް ވިދާޅުވެއްޖެއެވެ.
އޭނާ އެކަން އިއުލާނު ކުރެއްވީ ކޮލަމްބޯގައި ބޭއްވި ފަތުރުވެރިކަމާއި ގުޅޭ އެގްޒިބިޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އޭނާ ބުނީ، އެ ނިންމުމަކީ ސަރަހައްދީ ފަތުރުވެރިކަމާއި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުންނާއި ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ދިރުވައި، އަވަށްޓެރި ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގެ މަގުސަދުގައި މަޝްވަރާތަކަކަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
މި ނިންމުމާއި އެކީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ދިވެހިންނަށް ވިސާ ލިބިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“މިހާތަނަށް ދިވެހިންނަށް ވިސާ ދެނީ ވަކި ޝަރުތުތަކެއްގެ ދަށުން ކުރު މުއްދަތަކަށް. ނަމަވެސް އަޅުގަނޑުމެން މިހާރު މި ނިންމީ ދިވެހިންނަށް އެއް އަހަރުގެ ދުވަހުގެ ވިސާ ދޫކުރަން. އެއީ ގިނަ ގަނައިން އެގައުމަށް އައުމަށާއި، ގިނަ ދުވަހު އެގައުމުގައި މަޑު ކުރުވުމަށް. ހާއްސަ ގޮތެއްގައި ހެލްތް ޓުއަރިޒަމްއަށް” އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް ލަންކާއަށް ދާ ކަން ފާހަގަ ކޮށްފައެވެ. ނަމަވެސް އޭރު އެޅި ފިޔަވަޅުގެ ސަބަބުން ދިވެހިންގެ އަދަދު މަދުވި ނަމަވެސް، މި ނިންމުމާއި އެކީ އެކަން ބަދަލުވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ނިންމުން ނިންމާފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށް ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅަކާއި ދިމާކޮށްކަމެވެ. ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު