11 months ago
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމަށް ކަނޑައެޅި ގޮތާއި ގުޅޭގޮތުން މަޖިލީހުން ބަލަމުންދާ މައްސަލައާ ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި މިހާރުގެ ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ޕެޓިޝަން ކޮމިޓީން ދަނީ "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނޭކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހާ ފަރާތްތަކާއި އަދި އެކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓުތައް ބާޠިލް ނުކުރުމަށް" އެދި ހުށައަޅާފައިވާ ޕެޓިޝަން ދިރާސާކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ކަމާބެހޭ އެކި ފަރާތްތައް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އޭގެތެރޭގައި އޭސީސީގެ އިސް ބޭފުޅުންނާއި ހައުސިންގ މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނެއެވެ. އެގޮތުން މިއަދުގެ ބައްދަލުވުމަށް ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ކުރީގެ މިނިސްޓަރ އަސްލަމް ހާޒިރުނުކުރުމާއި ގުޅިގެން ސުވާލުކޮށްފައެވެ. އަދި ކުރީގެ މިނިސްޓަރ އަސްލަމް ހާޒިރުކުރުމަށް މެމްބަރުން ހުށަހެޅުމުން އެގޮތަށް ވަނީ ފާސްވެފައެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ ކޮމިޓީގެ ބައްދަލުވުމަކަށް ކުރީގެ މިނިސްޓަރ އަސްލަމާއި މިހާރުގެ މިނިސްޓަރ އަލީ ހައިދަރު ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އެ ބައްދަލުވުމަށް އޭސީސީގެ މެމްބަރުންވެސް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.
އޭސީސީން ވަނީ ގެދޮރުވެރިޔާ ސްކީމް ހިންގުމުގައި ކުރީ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެ މައްސަލަތައް ބައްލަވަމުން ގެންދަވާކަން ފާހަގަކޮށްފައެވެ.
މިދިޔަ ނޮވެންބަރުމަހުގެ 5 ވަނަ ދުވަހު ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ހާމަކުރެއްވުމާއިއެކު، ގިނަ ބަޔަކު ވަނީ ފްލެޓުތައް ދޫކުރި ގޮތާއި ގުޅޭގޮތުން ނުރުހުން ފާޅުކޮށް ޝަކުވާ ހުށަހަޅާފައެވެ. އަދި ޝަކުވާތަކާއި ގުޅިގެން ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓާލުމަށް އޭސީސީން ވަނީ އަންގައިފައެވެ.