ދޮޅު އަހަރުތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން، ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އެންމެ ފަހު ކައުންސިލެއްގެ ގޮތުގައި މިއަދު ބައްދަލުކުރެއްވީ ނ. ވެލިދޫ ކައުންސިލާއެވެ. ހުރިހާ ކައުންސިލެއްގެ އިތުރުން ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ރޭ ވިދާޅުވީ މީގެ ކުރިން ކުރެއްވި ދަތުރުފުޅުގައި ހުރިހާ ރަށަކަށް ވަަޑައިގެންނެވެން ނެތުމުން އެންމެ ކައިރީގައިވާ ރަށަކަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ކައުންސިލުތަކަށް ދައުވަތު ދެއްވާފައިވާނެ ކަމަށެވެ.
“އެގޮތުން ގާތްގަނޑަކަށް ހުރިހާ ރަށެއްގެ ކައުންސިލުތަކާ އަޅުގަނޑާ އޭރު ބައްދަލުކޮށް ނިންމުނު. ދެ ރަށެއްގެ ކައުންސިލާ ބައްދަލުނުވީ. މި ރަށުގެ ކައުންސިލާއި އަދި އެހެން ރަށެއްގެ ކައުންސިލް. އޭރުގައި ކައުންސިލުގެ ނިންމުމަކަށްވީ އަޅުގަނޑު މި ރަށަށް ނާންނަ ނަމަ، ބައްދަލުކުރަން ތިމަންނަމެން ނުދާނަމޭ،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އެ މަނިކުފާނު ވަރަށް ހިތާމަކުރެއްވި ނަމަވެސް، އެއީ ކައުންސިލުގެ ނިންމުމަކަށް ވުމުން، އެ ނިންމުމަށް އިހުތިރާމުކުރައްވާފައިވާނެ ކަމަށާއި އަދި މިއަދު ވެލިދޫ ކައުންސިލާ ވެސް ބައްދަލުކުރެވިފައިވާ ކަމަށެވެ.
ރައީސް، ރާއްޖޭގެ ރަށްރަށަށް ފުރަތަމަ ދަތުރު ފެއްޓެވީ މިދިޔަ އަހަރުގެ ފެބްރުއަރީ 6 ގައެވެ. އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ ރައީސްގެ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު