ނ. ޅޮހީ ރާޅާއަޅާ ސަރަހައްދު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޅޮއްސަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޅޮހީ ރާޅާއަޅާ ސަރަހައްދަކީ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައް ބޭއްވޭ ތަނަކަށް ހައްދަވައިދެއްވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

“އެ މަޝްރޫއު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރު ކުރިއަށް ގެންގޮސްދޭނަން. އެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރީގައި އަމަލީ ގޮތުން ކުރަން ޖެހޭ ކަންކަން ފަށައިދޭނަން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެރަށުގައި ހިންގަން ނިންމާފައިވާ އެހެން މަޝްރޫއުތަކުގެ ތަފުސީލުވެސް ދެއްވައިފައެވެ. އެގޮތުން އެރަށު ސުކޫލަށް ބޭނުންވާ އާ އިމާރާތު މަސައްކަތް ފެށުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ނިންމަވާފައިވާ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހު އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިމާރާތް ތަރައްގީ ކުރާނީ ސުކޫލަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހުރިހާ ހިދުމަތެއް ދެވޭނެ ފެންވަރަށް ކަމަށެވެ.
މީގެ އިތުރުން ހެލްތު ސެންޓަރަށް ބޭނުންވާ އެހެނިހެން ހިދުމަތްތަކާއި އެރަށުގައި ލެބޯޓްރީއެއް ގާއިމު ކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހެލްތު ސެންޓަރަށް ބޭނުންވާ މުވައްޒަފުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ހަމަޖައްސައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ އެރަށުގެ ބަނދަރު މަޝްރޫއާ އެކު ރިންގް ރޯޑެއް ހެދުމަށް ވަރަށް އަވަހަށް ހަވާލު ކުރައްވާނެ ކަމަށެވެ. ބަނދަރު މަޝްރޫއު ނިމޭ އިރު، ރިންގް ރޯޑެއް ވެސް ރަށުގެ ވަށައިގެން ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު