ރައީސް ޑރ. މުއިއްޒު އިއްޔެ ނިންމެވި މުހިންމު ކަންކަން

11 months ago

އަޙްމަދް އަޙްނަފް

ރައްޔިތުންނާ ގުޅުންހުރި މުހިންމު ނިންމެވުންތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔަ އިއުލާން ކުރައްވާފައެވެ. މިކަންކަން ހާމަކުރައްވާފައިވަނީ އިއްޔަ އޮތް ވަޒީރުންގެ ބައްދަލުވުމަކަށްފަހު ރައީސް އޮފީހުގައި ވަޒީރުންނާއި އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މެޑިކަލް ޗެކްއަޕަށާއި، ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު އަތުން ކުރަންޖެހޭ ޚަރަދާއި، އައި.ވީ.އެފް. ގެ ފަރުވާއަށް އާސަންދަ ދިނުމަށް ނިންމެވުން.

ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް، އަދި އާސަންދަ ސްކީމުގައި ރަޖިސްޓަރ ވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މެޑިކަލް ޗެކްއަޕް ހެދުމަށާއި، ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރުމަށް އަތުން ކުރަންޖެހޭ ޚަރަދަށާއި، އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައި.ވީ.އެފް.) ގެ ފަރުވާއަށް އާސަންދަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަަނީ ނިންމަވައިފައެވެ.

މި އަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވުމަށް ނިންމެވުން.

މި އަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި، އެކި އަހަރު އެކި އަދަދަށް މީހުން ޙައްޖަށް ފޮނުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކާ އަދަދުތައް ކުޑަކުރުމަށް ނިންމެވުން.

ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހިފައިވާ އަދަދުތަކަށް ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފިއެވެ.

ގެދޮރުވެރިކަމާ ގުޅޭގޮތުން މި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރަށްރަށުގައި އަޅާފައިހުރި ރޯހައުސްތަކާއި ފްލެޓްތަކާއި ބޯހިޔާވަހިކުރުމުގެ އެކިއެކި ޔުނިޓުތަކުގެ ކުލި ކުޑަކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މިހާރު އެތަންތަން ހުރީ އާންމުކޮށް 5,000 ރުފިޔާއަށް ކަން ފާހަގަކުރައްވައި، ހުރިހާ ރަށެއްގައި އަޅާފައިހުރި ހައުސިންގ ޔުނިޓްތަކުގެ އަގުވެސް 3,333 ރުފިޔާއަށް ކުޑަ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވިއެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ދެވަނަ ނިންމެވުމަކަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އަމިއްލަ ފަރުދުންގެ އަތުން އާންމުކޮށް 2 ލައްކަ ރުފިޔާ ޚަރަދު ވެފައިވާ ކަމަށް ކަނޑައަޅައި، ފްލެޓްތަކުގެ އަގުން 2 ލައްކަ ރުފިޔާއަށްވާ މިންވަރު އުނިކޮށްދެއްވަން ނިންމަވާފައިވާ ކަމެވެ. އެގޮތުން މިހާރު ހަދާފައިވާ 7 އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ މަހަކު 5,300 ރުފިޔާގެ ކުލި، މަހަކު 3,984 ރުފިޔާ 21 ލާރިއަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ވެފައިވާ ވަޢުދުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، އެތަނުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށާއި، މަހުންމަހަށް ދައްކާ އަދަދުން އާންމުގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ފަޅުފަޅާއި ރަށްރަށް ކައުންސިލްތަކާއި ހަވާލުކުރެވޭނެ ގޮތަށް ހަމަޖެއްސުން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ހިމެނޭގޮތަށް އޮތްނަމަވެސް ބައެއް ރަށްރަށުގެ އިޚުތިޞާޞް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތްނަމަވެސް އެހެން ކަމަކަށް އެރަށެއް ދޫކޮށްފައި އޮތުން ފަދަ ދަތިތައް ހުރިކަމުގައެވެ.

އެހެންކަމުން މިގޮތަށް ހުޅުވާލުމަށް ނިންމެވީ މައިގަނޑު ދެ ހަމައެއްގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ދެ ހަމައަކީ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ޕްލޭންއާ ދިމާވާ ނިންމުމަކަށްވުމާއެކު އެފަޅެއް ނުވަތަ އެރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އެކަމަށް އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރެއްވިއެވެ.

އަންނަ އަހަރުން ފެށިގެން ކޮންމެ ދުވަހެއްގެ ސްކޫލް ސެޝަން، ޤައުމީ ސަލާމުން ފަށާގޮތަށް ނިންމެވުން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. އަދި ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަންވެސް ފާހަގަ ކުރައްވާފައެވެ.

މިފްކޯ އަކީ %100 ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމުގައި ކަނޑައެޅުއްވުން.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ 100 އިންސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަންވެސް ހާމަ ކުރައްވާފައެވެ.

މީގެ ކުރިން މިފްކޯ ހިންގަމުންދިޔައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު