11 months ago
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ،ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގްގައި ހުންނަ ޤުޖިންގް ޓޮންގްކުއަން ވިންޑް ފާމަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވީ ‘ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން’ ގައި ބައިވެރިވެވަޑައިގަތުމަށެވެ. ޓޮންގްކުއަން ވިންޑް ފާމް ޕްރޮޖެކްޓަކީ ޔުނާން ޕްރޮވިންސްގެ އާ ހަކަތަ ޕްލޭންގައި ހިމެނޭ 20 ވިންޑް ޕަވަރ ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ވިންޑް ފާމްގެ ކޮންޓްރޯލް ސެންޓަރާއި އެ ފެސިލިޓީގެ ހިންގުމާ ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ.
ދާދިފަހުން ރާއްޖޭގައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމުގެ ކަރަންޓުގެ %33 ބޭނުންކުރެވޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ތަރައްގީ ކުރުމަށް ރާވާފައިވާ ބޮޑު ޕްލޭނެއް އިއުލާންކޮށްފަ އެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑީކާ) އިން އިންތިޒާމްކޮށްގެން ބާއްވާ ‘ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން’ ގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފޯރަމްގައި އެމަނިކުފާނާއެކު އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.