ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު މި އަހަރުގެ ފަހުކޮޅު ސަރުކާރުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ނ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މާފަރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. އެހެންވެ، މި އަހަރުގެ ފަހުކޮޅު މުޅި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ ތެރޭގައި މާފަރުގެ މަގުތައް ހެދުން ހިމެނޭ ކަމަށާއި އެ ރަށުގެ ތަރައްގީއަށް ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ މިންވަރަށް ޒަމާނީ ފެންވަރުގެ ސިއްހީ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.
ކައުންސިލާއި އެ ރަށު ސްކޫލުން އެދުނު ގޮތަށް ހަތަރު ކްލާސް ރޫމް އަޅައި ފުޓްސަލް ދަނޑު ހެދުމުގައި ލަސްވެފައިވާ ލަސްވުމަށް ހައްލު ގެނެސް، އެ މަޝްރޫއު ހިމެނޭހެން ކުޅިވަރުގެ ގިނަ ވަސީލަތްތައް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު