ވޭޕްގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހަކު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހަކު ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ތަންތަން ބަލައި ފާސް ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 191.92 ގްރާމްގެ ތަކެތި ފެނުމާ ގުޅިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެމީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރު ސައްހަ ނޫން ކަނޑައެޅުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން މިހާރު ދަނީ އެމީހާ ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި މައްސަލަ ފެންމަތިވުމާ އެކުގައި އެމީހާ މިހާރު ހުރީ ސަސްޕެންޑްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު