Advertisement

އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އައު މަޝްރޫއުތަކާއި ކަންކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އެކަމާ ގުޅޭ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ސޮއިކުރައްވައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސާކިއުލާއެއްގައެވެ. އެ ސާކިއުލާގައިވާ ގޮތުން، ބަޖެޓު އެކުލަވައިލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން 2027 އިން 2029 އަށް ހިންގުމަށް ރާވާފައިވާ މެދުރާސްތާގެ ބަޖެޓުގެ އައު ހަރަކާތްތަކާއި މަޝްރޫއުތައް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

Advertisement

މި މަރުހަލާގައި ދައުލަތުގެ އިދާރާތަކުން ހުށަހަޅާ އައު ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާއި ސަރުކާރުން ވެފައިވާ ވައުދުތައް ހާސިލުވާނެ ފަދަ ސިޔާސަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ބަޖެޓުން އިތުރު ޖާގަ ބޭނުންވާ މުހިންމު ކަންކަމަށްވެސް ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ވަނީ 2027-2029ވަނަ އަހަރުގެ އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ އުމްރާނީ ތަރައްޤީގެ ކަންކަމަށެވެ. އެގޮތުން އުމްރާނީ ތަރައްގީގެ ކަންކަމަށް 2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އެކިއެކި ކަންކަމަށް 500 މިލިޔަން ރުފިޔާގެ ސީލިންއެއް ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު 2027-2029 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން އަންނަ އޮގަސްޓް މަހުގެ 18ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޑަލް މެދުވެރިކޮށް މިނިސްޓްރީތަކުން ހުށަހަޅަން ޖެހެއެވެ.

އައު މަޝްރޫއުތަކުގެ އިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާއި އާމްދަނީގެ ސިޔާސަތަށް ގެންނަން ފެންނަ ބަދަލުތައް ދެނެގަތުމަކީވެސް މި މަރުހަލާގެ މުހިންމު ބައެކެވެ. އެގޮތުން، މެދުރާސްތާގައި ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ހުށަހެޅުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަކަށްވާތީ، ހުށަހަޅާ މަޝްރޫއުތަކަކީ މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަންކަން ނަމަ އެކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށެވެ. މިއީ މޫސުމީ ބަދަލުތަކަށް ކުރާ ހަރަދުތައް ދެނެގަތުމަށް ކުރެވޭ މަސައްކަތެކެވެ.

ދައުލަތުގެ އިދާރާތަކުން މި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. މިކަމަށް ދީފައިވާ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. މި މަސައްކަތަކީ ދައުލަތުގެ މާލީ ހާލަތު ބައްޓަންކުރުމާއި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ފެނަކައިގެ މުވައްޒަފުން ޒިންމާދާރުކުރުވަން ދީނީ ޕްރޮގްރާމެއް ފަށައިފި

މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ