މިއަހަރުގެ ހުޅަނގު މޫސުން މިހާރު ފެށިފައިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓުން މިއަދު ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށެވެ. ހުޅަނގު މޫސުމަކީ ގާތްގަޑަކަށް މޭމަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށްކަމަށް މެޓުން ބުންޏެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށް މެޓުން ބުންޏެވެ. އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި މޭމަސް ނިމުމުގެ ކުރިން މުޅިރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާކަމަށް މެޓުން ބުންޏެވެ.
“މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭމަހުގެ އަށް ވަނަ ދުވަހު” މެޓުން ބުންޏެވެ.
ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑު
- 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސަންޓް ސްޓޭޝަނުން 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރެކޯޑްކުރެވުން
- 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސަންޓް ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން
އެ ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމަކީވެސް ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑުކަމަށް މެޓުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު