އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންނަށް ދޭ އެންމެ އަސާސީ ބޭސް ކަމަށްވާ “މިތައިލްފެނިޑޭޓް” ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އިއްޔެ ފާސްކޮށްފިއެވެ.
މި މައްސަލައަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައެކެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައާ އެއްގޮތަށް، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން “މިތައިލްފެނިޑޭޓް” އުނިކުރުމަށް މިދިޔަ މަހު ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މި ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ބޭނުންވާތީ، އެކަމުގައި ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މިތައިލްފެނިޑޭޓް ރާއްޖެއަށް އެތެރެކުރުން މިހާތަނަށް ހުރަސްއެޅިފައި އޮތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި އެއީ މަނާ އެއްޗެއްގެ ގޮތުގައި ހިމަނާފައި އޮތުމުންނެވެ.
މި ބޭހަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރީޓްމަންޓެއް ނަމަވެސް، ގާނޫނީ ހުރަސްތަކާ ހުރެ އެ ބޭސް ރާއްޖެއިން ލިބޭކަށް ނުހުރެއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މީގެ ކުރިން ވަނީ މި ބޭސް ޖަދުވަލު އެކަކުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ތަކެތި ހިމޭނޭ ޖަދުވަލު ދެއަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
މި ބަދަލާއެކު، ރާއްޖޭގައި އޭޑީއެޗްޑީއަށް ފަރުވާ ހޯދާ ކުދިންނަށް ބޭރު ގައުމުތަކުން ބޭސް ގެނައުމުގެ ބަދަލުގައި، ރާއްޖޭގެ ބޭސްފިހާރަތަކުންނާއި ހޮސްޕިޓަލްތަކުން ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު