މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބަހައި ނިންމައިފިއެވެ.
ޒަކާތް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6,000ރ. އެވެ. މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާއެވެ.
މި އަހަރު ފިތުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ހާއްސަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތަޢާރުފުކުރިއެވެ. މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެއެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.
ޒަކާތު ހައުސް އިން ވިދާޅުވީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަ ކަމަށްވެސް ޒަކާތު ހައުސް އިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު