Advertisement

އެއާލައިނު ޓިކެޓަށް ޑޮލަރުން ފައިސާ ދޭން މަޖުބޫރުކުރަނީ

ރާއްޖެއަށް ދަތުރުކުރާ ބޭރުގެ ގިނަ އެއާލައިންތަކުން ޓިކެޓު ނެގުމުގައި ރުފިޔާ ބަލައިގަތުން ހުއްޓާލައި ޑޮލަރުން ފައިސާ ދައްކަން އަންގަން ފަށައިފި އެވެ.

އެއާލައިންތަކުން މި ބަދަލު ގެނެސްފައި މިވަނީ ބްލެކު މާކެޓުގައި ޑޮލަރެއްގެ އަގު ގާތްގަނޑަކަށް 20ރ. އަށް އެރުމުންނެވެ.

Advertisement

ރާއްޖޭން ބޭރަށް ދިއުމަށް މި ހަފުތާގައި ޓިކެޓު ގަނެފައިވާ ބައެއް މީހުން “އަދަދު” ނޫހަށް ބުނީ ޓިކެޓުގެ އަގު ބަލައިގަންނާނީ ހަމައެކަނި ޑޮލަރުން ކަމަށް އަންގާފައިވާ ކަމަށެވެ.

“މިއީ ރާއްޖޭގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމުގެ ހެއްކެއް،” ޑޮލަރުން ޓިކެޓު ގަންނަން މަޖުބޫރުވި ވިޔަފާރިވެރިޔަކު ބުންޏެވެ.

ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން އޮންނަ ދިވެހި ކުންފުންޏެއްގެ އިސްވެރިޔަކު ބުނީ ހަމައެކަނި ޑޮލަރުން ޓިކެޓު ވިއްކަން ނިންމަން ޖެހުނީ ބޭންކު ރޭޓުގައި ޑޮލަރު ނުލިބޭތީވެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކަމަށެވެ.

“މިހާރު 20ރ. އަށް ޑޮލަރެއް ގަނެގެން ކިހިނެއްތޯ ވިޔަފާރި ކުރާނީ. އެހެންވެ، އަހަރެމެން ނިންމީ ޑޮލަރުން ޓިކެޓު ވިއްކަން ނުވަތަ، ބްލެކު މާކެޓުން ޑޮލަރު ލިބޭ ރޭޓުގައި ރުފިޔާއިން ޕޭމެންޓު ހަދަން،” އޭނާ ވިދާޅުވި އެވެ.

އެއާލައިން ތަކުން ޓެކްސް ވެސް ދައްކަން ޖެހެނީ ޑޮލަރުން ކަމަށާއި، އެހެންވެ، ޑޮލަރުން ޕޭމެންޓު ގަބޫލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް އެއާލައިންތަކުން ގެނައި މި ބަދަލާއެކު ޓިކެޓުގެ އަގު ވަނީ ބޮޑުވެފަ އެވެ. ޑޮލަރުގެ އަގު އުފުލެން ފެށީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރި ހިސާބުންނެވެ.

މި އުސޫލު ފެށިއިރު ބޭންކުތަކަށް މާރުކުރާ ފައިސާގެ 60 އިންސައްތަ އެމްއެމްއޭ އަށް ޖަމާކުރަން ޖެހެ އެވެ. އެ އަދަދު މިހާރު ވަނީ 90 އިންސައްތައަށް މަދުކޮށްފަ އެވެ.

ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ.

ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 4.48ރ. ބޮޑުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި