ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ޕާޓީގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގައިވެސް ކެމްޕޭނުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކެމްޕޭން ރަސްމީކޮށް އިފުތިތާޙުކުރުމަށްފަހު، އެމްޑީޕީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކެމްޕޭން ދަތުރުތައް ކުރަމުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ސިޓީގައިވެސް “ދޮރުން ދޮރަށް” ހިންގާ ހަރަކާތްތަކާއި، ކެމްޕޭން ޖަގަހަ ހުޅުވުމުގެ އިތުރުން، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ރޭވިފައެވެ.


ކިޔުންތެރިންގެ ހިޔާލު