ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތަކުގެ ޓެކްނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ އެ ޓްރަޔަލްތަކަކީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށްގެންދިޔަ ޓްރަޔަލްއެއް ކަމަށެވެ.

އެ ޓްރަޔަލްތައް ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ކަމާބެހޭ ހުރިހާ ޑިޕާޓްމަންޓްތަކާއި ގައުމީ އެއާލައިން, މޯލްޑިވިއަންއާ ގުޅިގެންނެވެ.
އެގޮތުން މިދިޔަ އިއްޔެ މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމްގެ އިތުރުން ބޯޑިން ޕްރޮސެސްގެ ޓްރަޔަލްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެ ޓްރަޔަލްގައި ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު ސިސްޓަމް މެނޭޖުކުރާނެ ގޮތުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔަ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލުން ތައްޔާރުވަމުން އަންނަ އިރު، އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކަށެވެ. އެއަށްފަހު އޮރާޓް ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ނިންމައިފައެވެ.
އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު