އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ނުވަތަ ބޯކަޅު ކުރުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް، ފަތުވާ މަޖިލީހުން ކަނޑައަޅައިފިއެވެ.
މި ނިންމުން އެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ނިންމި ނަމަވެސް އެ ފަތުވާ އާއްމުކޮށްފައިވަނީ އިއްޔެއެވެ.
އެ މަޖިލީހުން އާއްމުކުރި ފަތުވާގައި ބުނެފައިވަނީ، އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮންނަ ކަމަށެވެ. އެއީ އެކަމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔާއި، ހަރާމް ކަމަށް ވިދާޅުވާ ދީނީ އިލްމުވެރިންގެ ރައުޔެވެ.
ފަތުވާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މި ދެ ރައުޔު ވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށެވެ. އަދި މި މައްސަލާގައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ އެ ބޭކަލުންގެ އިޖުތިހާދާ ކަމަށް ވެސް ފަތުވާގައިވެ އެވެ. އެއީ އިޖުތިހާދީ މައްސަލައަކަށް ވާތީ، މި ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް އެ ފަތުވާގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެއީ ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހަށް ބުރަވެވޭ ކަމަށް އެ ފަތުވާގައިވެއެވެ.
ދީނީ ދާއިރާރާގައި އަލަށް ފާހަގަކުރެވޭ މައްސަލަތަކާއި، ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަންކަމާ ގުޅޭގޮތުން، މީގެކުރިންވެސް ފަތުވާ މަޖިލިސް މެދުވެރިކޮށް ޝަރުޢީ ރައުޔުތަކާއި ފަތުވާތައް އާންމުކުރެއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ފަސް މެންބަރުން ތިއްބަވައެވެ. އެއީ އެމަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ.މުޙައްމަދު ރަޝީދު އިބްރާހީމްގެ އިތުރުން ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އިލްޔާސް ޙުސައިން އަދި ޑރ.މޫސާ އަންވަރު ޙަސަން އެވެ.
ކިޔުންތެރިންގެ ހިޔާލު