ޣައްޒާ އާއި މިޞްރު ގުޅުވައިދޭ ރަފަހް ބޯޑަރު އަންނަ ހަފްތާގައި އަލުން ހުޅުވާލާނެ ކަމަށް، ޣައްޒާ ހިންގުމަށް އެމެރިކާގެ ތާއީދާއެކު ކަނޑައަޅާފައިވާ ފަލަސްތީނުގެ ޓެކްނޮކްރެޓް ލީޑަރު އަލީ ޝާތު އިއުލާން ކުރައްވައިފިއެވެ. މި ބޯޑަރު ހުޅުވާލަން ނިންމާފައި މިވަނީ އިޒްރޭލުން ޣައްޒާގައި ހިންގި ގަތުލުއާންމުތަކާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހުއެވެ.
އަލީ ޝާތު މިކަން އިއުލާން ކުރެއްވީ ސްވިޒަލޭންޑްގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ހަރަކާތެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަދައްކަވަމުންނެވެ.
“އަންނަ ހަފްތާގައި ރަފަހް ބޯޑަރު ދެކޮޅަށް ހުޅުވާލާނެކަން އަޅުގަނޑު އުފަލާއެކު އިއުލާން ކުރަން. ޣައްޒާގެ ރައްޔިތުންނަށް ރަފަހް އަކީ ހަމައެކަނި ދޮރެއް ނޫން، އެއީ ދިރިތިބުމުގެ އުންމީދެއް،” ޝާތު ވިދާޅުވިއެވެ.
މި ނިންމުމާ ގުޅޭގޮތުން 2024 ވަނަ އަހަރުން ފެށިގެން ރަފަހް ބޯޑަރު ކޮންޓްރޯލް ކުރަމުންދާ ނިރުބަވެރި އިޒްރޭލުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އޮކްޓޯބަރު 10 ގައި ޓްރަމްޕްގެ ޕްލޭނުގެ ދަށުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުންވެސް، އެހީގެ ސާމާނު ވެއްދުމަށާއި ބަލިމީހުން ބޭރަށް ފޮނުވުމަށް ބޯޑަރު ހުޅުވުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް އަދިވެސް އޮތީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައެވެ. މީގެ ކުރިން އިޒްރޭލުން ގެންގުޅުނު ސިޔާސަތަކީ ހަމައެކަނި ޣައްޒާގެ ރައްޔިތުންނަށް އެ ސަރަހައްދުން ބޭރުވުމަށް ބޯޑަރު ހުޅުވުން ނަމަވެސް، އާ ނިންމުމާއެކު ދެކޮޅަށް ދަތުރުކުރެވޭ ގޮތަށް ބޯޑަރު ހުޅުވިގެންދާނެއެވެ.
ވައިޓް ހައުސްއިން ހުކުރު ދުވަހު ވަނީ ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި 15 މެންބަރުންގެ ޓެކްނޮކްރެޓިކް ކޮމިޓީގެ ތަފްސީލް ހާމަކޮށްފައެވެ. ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ޣައްޒާގެ ނަމުގައި އުފެއްދި މި ބޯޑުގެ ޖެނެރަލް ކޮމިޝަނަރަކަށް އައްޔަންކޮށްފައިވަނީ ފަލަސްތީން އޮތޯރިޓީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާތު އެވެ.


ކިޔުންތެރިންގެ ހިޔާލު