މިދިޔަ މަހު ޔަހޫދީން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ކުރި ނޭދެވޭ އަސަރު އަދިވެސް ދަނީ ކުރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުތަކަށް ގިނަ އެއަރލައިންތަކަކުން ކުރަމުންދިޔަ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.
ޔަހޫދީންގެ ހަމަލާތަކާ ގުޅިގެން އީރާނުގެ މައި ވައިގެ ބަނދަރު ކަމަށްވާ ޚާމަނާއީ ވައިގެ ބަނދަރު 20 ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ ޖުލައި 4 ގައެވެ. ނަމަވެސް ބައެއް ވައިގެ ސަރަހައްދުތައް އަދިވެސް ބަންދުކޮށްފައި އޮތުމާއި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޓްރެފިކް އަދިވެސް ހަމައަކަށް އެޅިފައެއް ނުވެއެވެ.
ގްރީސްގެ އީޖިއަން އެއަރލައިންސް އިން ލުބުނާނުގެ ބައިރޫތަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށްފަހު ބައެއް ދަތުރުތައް އަލުން ފަށާފައިވަނީ ޖުލައި 10 ގައެވެ. އަދި ޖުލައި 16 ގައި ޢިރާޤުގެ އަރބިލްއަށް، އަދި ޖުލައި 19 ގައި އުރުދުންގެ ޢައްމާންއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޔަހޫދީ ދައުލަތުގެ ތެލް އަވީވަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު 8 އާ ހަމައަށް ވަނީ މެދުކަނޑާލާފައެވެ.
އެއަރ ކެނެޑާއިން ޓޮރޮންޓޯއިން ދުބާއީއަށް ކުރާ ދަތުރުތައް އޮގަސްޓު 4 އާ ހަމައަށް މެދުކަނޑާލާފައިވާއިރު، ކެނެޑާއާއި އިސްރާއީލާ ދެމެދު ކުރާ ދަތުރުތައް ސެޕްޓެމްބަރު 8 އާ ހަމައަށް ވަނީ މެދުކަނޑާލާފައެވެ. މީގެއިތުރުން އެމިރޭޓްސް އެއަރލައިންސްއިން ވެސް ވަނީ އީރާނުގެ ތެހްރާނަށް ކުރާ ދަތުރުތައް ޖުލައި 17 އާ ހަމައަށް މެދުކަނޑާލާފައެވެ.
ފިންލޭންޑުގެ ފިން އެއަރއިން ބުނެފައިވާ ގޮތުގައި، ޖުލައި 10 އާއި ސެޕްޓެމްބަރު 2 އާ ދެމެދު ޤަޠަރުގެ ދައުޙާއަށް އެ އެއަރލައިނުން ކުރާ ދަތުރުތަކުގެ ޝެޑިއުލްއަށް ބަދަލު ގެނެސް، ކުރިން ހަމަޖެހިފައިވާ ގަޑިތަކަށްވުރެ 25 މިނެޓު ކުރިން ދަތުރުތައް ފަށާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު