Advertisement

އެސްޓީއޯގެ ފާމަސީތައް ބޭސްކުންފުނީގެ ދަށަށް ބަދަލުކުރަނީ

ރާއްޖެ އަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ފާމަސީއެއް ބަދަލުކުރުމުގެ މަރުހަލާ އަންނަ ހަފުތާގައި ފަށައި ފެބުރުއަރީ މަހުގެ ދެވަނަ ހަފުތާ ތެރޭ އެ މަސައްކަތް ނިންމަން ތައްޔާރުވެއްޖެ އެވެ.

އެކަން އެސްޓީއޯ އިން “ހަވާސާ” އަށް މިއަދު ކަށަވަރު ކޮށްދިނެވެ.

Advertisement

ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ސަރުކާރުން އުފެއްދި ކުންފުނީގެ އަމަލީ މަސައްކަތް ފަށައިގަތުމުގެ ތައްޔާރީތައް ވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ހިންގާ އެސްޓީއޯގެ ފާމަސީތަކާ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި އިން ހަވާލުވުމުގެ މަސައްކަތް އަންނަ ހަފުތާގެ އަންގާރަ ދުވަހު ފަށާނެ އެވެ.

އަދި ރާއްޖޭގެ ހުރިހާ ފާމަސީތަކުގެ އޮޕަރޭޝަންތައް އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށް ނިންމާނެ އެވެ. އެ މަރުހަލާ ކުރިއަށް ގެންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

ރާއްޖޭގައި އެސްޓީއޯ އިން 196 ފާމަސީ ހިންގަ އެވެ.

އެސްޓީއޯއަކީ ރާއްޖޭގައި ފާމަސީތައް ހިންގުމުގެ ދިގު ތާރީހެއް އޮތް ކާމިޔާބު ކުންފުންޏެކެވެ. މީގެ 43 އަހަރު ކުރިން ނުވަތަ 1984 އިން ފެށިގެން އެ ކުންފުނިން އަންނަނީ ފާމަސީތައް ހިންގަމުންނެވެ.

އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ކުންފުނިން ބޭސްފިހާރަތައް ހިންގާތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް އޭގެ ކުރިން ވެސް މާލެ ފިޔަވައި ބައެއް ރަށްރަށުގައި އެސްޓީއޯ އިން އައީ ބޭސްފިހާރަތައް ހިންގަމުންނެވެ.

އެސްޓީއޯގެ ހުރިހާ ފާމަސީއަކާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނިން ހަވާލުވުމުން އޭގެ މާނައަކީ 600 އެއްހާ މުވައްޒަފުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ދަށަށް ބަދަލުވުމެވެ.

އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކާ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި އިން ހަވާލުވާން ތައްޔާރުވަމުން އަންނައިރު، އެންސްޕާ މެދުވެރިކޮށް ގެންނަ އެބްރޯޑް ޕްރެސްކްރިޕްޝަންތަކާއި ޔޫއެންޑީޕީ ބަލްކް ޕްރޮކިއުމެންޓް ބޭސްތައް ގެނައުމުގެ މަސައްކަތްތައް ވެސް އެ ކުންފުންޏާ ހަވާލުކުރާނެ އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި ހިންގަން 3-6 މަސް ދުވަސް ނަގާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ