Advertisement
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު: އޭނާ ވިދާޅުވީ ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއް ކުންފުނީގެ ލާރިން ޖުވާ ކުޅުނު މައްސަލައެއް ބެލި ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކުންފުންޏެއްގެ އެމްޑީއެއް ކުންފުނީގެ ލާރިން ޖުވާ ކުޅުނު ކަމުގެ ތުހުމަތު

ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު އެ ކުންފުނީގެ ލާރިން ޖުވާ ކުޅުނު ކަމަށް ތުހުމަތުވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލި ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ޖުވާ ކުޅުމާއި އެކަމަށް ބާރުލިބޭ ގިނަ ކަންކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި އޮތް ބިލަށް ބަހުސް ކުރައްވަމުންނެވެ.

Advertisement

އެގޮތުން، މިހާރު ހުށަހަޅާފައިވާ އިސްލާހު އަވަސް އަރުވާލައިގެން ފާސްކޮށް އެޔަށް އަމަލުނުކޮށްފިނަމަ މިކަމަކީ މިއަދު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ޖުވާ ކުޅުން ހުއްޓުވަން އެޅޭ ހުރަހަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް ނެންގެވީ އަމަލުކުރަން އުނދަގޫވެގެން އުޅޭ ގޭންގު ގާނޫނެވެ.

“އަޅުގަނޑު މި ދަންނަވަނީ މިސާލާއެކު. މާލިއްޔަތު ކޮމިޓީން އަޅުގަނޑުމެން ބެލި އެއް މައްސަލާގަ. އަޅުގަނޑު އަޑުއެހިން ހަމަ ގައިމުވެސް ބުނާތީ 250،000 ޑޮލަރެއްގެ ވާހަކަ. އެ ކުންފުނި ހަވާލުވެފަ ހުރި އެމްޑީ. އާހިރުގަ ކަންވީ ގޮތަކީ ހަމަ ‘ކިރާ ބެޓަށް’ އެ ކުޅެލީ ކަމަށް ވަނީ. އެ ފައިސާއެއް ނެތް އިއްޒަތްތެރި ރައީސް،” ޒިޔާދު ވިދާޅުވި އެވެ.

އޭނާ މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިހާތަނަށް ބެލި މައްސަލަތަކުގެ ތެރެއިން އެސްއޯއީއަކުން 250،000 ޑޮލަރު ގެއްލުނު ކަމަށް ފެންނަ މައްސަލަ އަކީ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގުނު މައްސަލަ އެވެ.

ގޭސް ގަންނަން ދެއްކި ކަމަށް ބުނާ ފައިސާ ގެއްލުނު މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ. އެކަން ފާހަގަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

މިއީ 2024 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށް ނާޒިމް ކޮމިޓީގައި ހާމަކުރެއްވި އެވެ.

“އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،” އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފެންމަތިވުމާއެކު މޯލްޑިވްސް ގޭސް ގެ މައި ކުންފުނި އެސްޓީއޯގެ ބޯޑުން އެ މޯލްޑިވްސް ގޭހުގެ އެމްޑީ އަބްދުﷲ މުހައްމަދުގެ މައްސަލައެއް ބަލަން ފެށި އެވެ. އަދި، ގޭސް ގަތުމުގެ މަސައްކަތްތައް އެސްޓީއޯގެ ދަށަށް ބަދަލުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ