ށ. މިލަންދޫ ސްކޫލުގެ މަތީ ސާނަވީ ދަރިވަރުން އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.
އެ ދަރިވަރުން ޕޮލިސް ސްޓޭޝަނަށް ކުރި މި ޒިޔާރަތަކީ ކިޔެވުމާ ގުޅުންހުރި އެކި މައުލޫމާތު ހޯދުމަށް މި ޖުލައި މަހުގެ 3 އިން 5 އަށް ހއ. އިހަވަންދޫއަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން، ފުލުހުންނާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށްކުރި ޒިޔާރަތެކެވެ.
ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ ދަރިވަރުންނަށް މަރުހަބާ ކިޔައި، ދަރިވަރުންގެ ދިރާސާއަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މިގޮތުން، މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކާއި، މައްސަލަތައް އުފެދެން މެދުވެރިވާ ސަބަބުތަކާއި އެ ކަންކަން ހައްލުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ނެއިބަރ ހުޑް ޕޮލިސިންގެ މައުލޫމާތާއި، އެ މަސައްކަތްތައް އިހަވަންދޫގައި ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، ދުވަހެއްގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތާއި ކުރެވޭ މަސައްކަތުގެ ތަފާސް ހިސާބު ބެލެހެއްޓެމުންދާ ގޮތް ކިޔައިދީގައިވެއެވެ. އަދި ދަރިވަރުންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައިވެއެވެ.
މީގެ އިތުރުން، އިހަވަންދޫ ސުކޫލާއި މިލަންދޫ ސުކޫލުގެ މަތީ ސާނަވީ ދަރިވަރުންނަށް، ދިރިއުޅުމުގެ ރިވެތި އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ފަސްދޮޅަހަކަށް ދަރިވަރުން ބައިވެރިވި މި ސެޝަންގައި، މަދުރަސީ ހަޔާތް ނިންމައި ޒުވާނުންގެ ގޮތުގައި މުޖުތަމައަށް ނުކުންނައިރު މީހާ ބަލައިގަންނާނީ ރިވެތި ސިފަތަކެއް ހުރެގެންކަމާއި އެ ސިފަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް ބުނެދީފައިވެއެވެ. އަދި ހާއްސަކޮށް އަނެކާއަށް އުނިކަމެއް އަތުވެދާނެ ނޭދެވޭ އެންމެހައި ކަންކަމުން ދުރުވުމާއި އިހުތިރާމުކުރުމުގެ ސިފަތަކުގައި ހިފުމަށާއި މާދަމާ ވަޒީފާގެ މައިދާނަށް ނުކުންނައިރު، މީހާގެ މަސައްކަތް ރިވެތި ގޮތުގައި ކުރުމަށްޓަކައި ޒިންމާދާރު މީހަކަށް ވުމަށް ބުނެދީފައިވެއެވެ. އަދި ގަޑިއަށް ފަރުވާތެރިވުށާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެކުގައި މަސައްކަތްކުރުމާއި އެއްބައިވަންތަކަން ވަޒީފާގެ މާހައުލުގައި އިސްކުރުމަށް ބުނެދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު