2025 ވަނަ އަހަރަކީ ސަރުކާރަށް ނެރެވުނު ނަތީޖާއަށް ބަލާއިރު ރާއްޖެ ކަށިކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ ރާއްޖެޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި އަންގާރަ ވިލޭރޭ ވާހަކަދައްކަވަމުންނެވެ.
“2025 ވަނަ އަހަރު ނިމުމަކަށް މިދަނީ. ދާއިރު އަޅުގަނޑުމެން ރާއްޖެއަށް ބަލާއިރު ފެންނަން މިއޮތީ ރާއްޖޭގެ ރައްޔިތުން އިންތިހާއަށް ހިތްދަތިކަން ތަޙައްމަލު ކުރަން ޖެހުނު، ދަތިތަކާ ކުރިމަތިލާން ޖެހުނު، ގިރާނުކުރެވޭ ކަހަލަ ހުސްރަސްތަކެއް ކުރިމަތިވެފައި އޮތް، އަދި ރައްޔިތުންގެ ހިތް ކުދިކުދިވެ ފަޅައިގެންދާފަދަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުން ގެންދެވި އަހަރެއްގެ ގޮތުގައި،” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރައްޔިތުންގެ ކައިރީގައި ސަރުކާރުން ވަމުންދަނީ ދޮގު ވައުދުތަކެއް ކަމަށާއި، އެކަމާހުރެ ރައްޔިތުން ދަނީ ދޮގު ވައުދުތަކާއި ދޮގުތަކުން ޣަރަޤުވަމުން ކަމަށެވެ.
“ކޮންމެ އަތަކަށް ޖެހިލިޔަސް ގަޔަށް ހެރެނީ ކަށި. ދާނެ ނުދާނެ ދިމާލެއް ނޭނގޭ. އަނދިރިކަމާއި ބަނަ ކަމާއި ކުރިމަތިލާން ޖެހެނީ. ދޮގު ވައުދުތަކާއި، ދޮގުގެ ތެރޭގައި ރައްޔިތުން ޣަރަގު ވަނީ. އުދައްޔަކާއި އެކު ރައީސް ދަތުރުތަކެއް ކުރައްވައިފި. ރަށްރަށަށް ވަޑައިގެން ބޮޑެތި ވައުދުތަކެއް ވެވަޑައިގަތް. އެކަމަކު ރާއްޖޭގެ ރައްޔިތުންނަށް ތަންދޮރު އެނގޭ” ޝާހިދު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ކަންކަން ބަލާ ބައެއް ކަމަށާއި ރައީސް ރަށްރަށަށް ވަޑައިގެން ހުޅުވާދެއްވި މަޝްރޫޢުތައް ނުހިނގާކަން އާންމުންނަށް ފެންނާނެ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އޮޅުވާލުމާއި، ވާވެއްދުމާއި، ރައްޔިތުންނަށް ފުރައްސާރަކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ދާނެ މިސްރާބެއް ސަރުކާރަށް ސާފު ނުވާ ކަހަލަ ގޮތަކަށް މުޅި ވެރިކަން ހިންގާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އާންމުން މާޔޫސްވެފައިވާ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދުގެ ފާޑުކިޔުންތައް ވަކިން ޚާއްޞަކޮށް އަމާޒުވެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތަކަށެވެ. ޝާހިދު ވިދާޅުވީ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރެއް ކަމަށް، 2024 ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރައްވާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް މި އަހަރުގެ ބަޖެޓުގައި 56.6 ބިލިއަން ރުފިޔާ ހިމަނާފައި އޮތްކަން ފާހަގަކުރެއްވިއެވެ.
“56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ޚަރަދުކޮށް މި ނިންމާލީ މިހާރު. ބާކީ އޮތީ ތިން ދުވަސް. ހަމަ އެންމެ ގާބުރިއެއްވެސް، އެންމެ އުވަ ހަންޖެއްވެސް ބޭއްވިފަނެތޭ. ދެން ކީއްތޯ ކުރާނީ. މި އަންނަ މޭމަހާ ހަމައަށް ދާއިރު ދައުރު ދެބައިވީ. އަނެއްހެން ރައީސް މުއިއްޒުގެ ރިޔާސަތުގައި ދެބައި ކަނޑަށް ދުވެނިމޭނެ މި އަންނަ މޭމަހު،” ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެބަސްވުންތަކާ ގުޅިގެން ދެ ބޭފުޅުން ދުރުވުމަށްފަހު، އަލުން ދެ ބޭފުޅުން އެކުގައި ފެނުމުން އެމްޑީޕީއަށް އާ ދިރުމެއް ލިބި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުގެ އުއްމީދު ލިބިއްޖެ ކަމަށް ވިދާޅުވިއެވެ.
ޝާހިދު އިޝާރާތްކުރެއްވީ، މިދިޔަ ބުދަ ދުވަހު ނަޝީދާއި ޞާލިޙް ބައްދަލުކުރެއްވުމަށެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބޭއްވި ޕްރައިމަރީއާ ގުޅިގެން ޞާލިޙާއި ނަޝީދުގެ ފެކްޝަނެއް އެމްޑީޕީގައި އުފެދި، ޕާޓީ ބައިބައިވެ، ނަޝީދު އެމްޑީޕީ ދޫކުރެއްވި ފަހުން އެ ބޭފުޅުން އެގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
“އަޅުގަނޑުމެންނަށް 2023ގައި މިދިމާވި ހިތްދަތިކަން އެއީ މި ދެންނެވި ޖާގައިގެ ތެރެއިން ބޭއްވުނު ޕްރައިމަރީއަށް ފަހު ކުރީގެ ދެ ރައީސުންގެ ދޭތެރޭގައި އެއްބަސްވުމަކަށް ވަޑައިނުގެންނެވިގެން، އޭގެ ސަބަބުން ނުކުތް ހިތި ނަތީޖާ،” ޝާހިދު ވިދާޅުވިއެވެ.
“އެކަންވީ ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް، އޭގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ވަރަށް ބޮޑު މާޔޫސްކަމެއް ގެނުވި ކަމަކަށް.”ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ ދެ ބޭފުޅުން އަލުން އެކުގައި ފެނުން ވީ ޕާޓީގެ މެންބަރުންގެ ހިތްތަކަށް ދިރުން ގެނުވި ކަމަކަށް ކަމަށާއި، ޚާއްޞަކޮށް ކުރިމަތިވަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އެ މަންޒަރު ފެނުން އެއީ އޭގެ ޒާތުގައި ޕާޓީއަށް އާ ދިރުމަކާއި އާ ޖޯޝެއް ގެނުވި ކަމެއް ކަމަށެވެ.
“އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑުމެންގެ ރަށްރަށާއި އަތޮޅުތަކާއި އަދި ސިޓީތަކުގައި ވެސް ޚިޔާލު ތަފާތުވެފައި ތިއްބެވި ހުރިހާ ބޭފުޅުން، މި ފެނުނު މަންޒަރާ އެކުގައި އަލުން އެކަތިގަނޑަކަށް ވެގެން އަޅުގަނޑުމެން ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ތަނުން މި ސަރުކާރު ބަލި ކުރަން ޖެހޭކަން، ބަލި ކުރެވޭނެކަމަށް،” އޭނާ ވިދާޅުވިއެވެ.
ޝާހިދު ވަނީ، ރާއްޖެ މިހާރު އޮތީ ވަރަށް ދަތި ހާލަތުގައި ކަމަށާއި ނަމަވެސް އަންނަ އަހަރަކީ އެކަން ބަދަލުކޮށްލާނެ އަހަރު ކަމުގެ ވަރަށް ބޮޑު ޔަގީންކަމާއި އުއްމީދެއް އޮތް ކަމަށް ވިދާޅުވެފައެވެ.
ޞާލިޙްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު، ޞާލިޙްގެ ސަރުކާރަށް ފާޑުވިދާޅުވެ ތުހުމަތުތައް ފާޅުގައި އަމާޒުކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވިއެވެ.
އޭރު ނަޝީދު ވަނީ ޞާލިޙާއި އެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ވެސް ކުރައްވާފައެވެ. އެއަށްފަހު ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވިއެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ޞާލިޙްގެ ވާދަކުރިއެވެ. ނަމަވެސް ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމެވިއެވެ.
ޞާލިޙަށް އެ އިންތިޚާބު ނާކާމިޔާބުވީ އޭގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ފަހުން، މި ސަރުކާރަށް ވެސް ތާއީދުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު، މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
ކުރީގެ ދެ ރައީސުން އަލުން އެއްބައިވުމާއެކު، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބީތަކެއް ލިބި، އެއާއެކު މިހާރުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށް ސިޔާސީ މާހިރުން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު