Advertisement

މަސްވެރިންގެ މުޒާހަރާއިން ހައްޔަރު ކުރި މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މައުރޫފް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާ ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ. އެކަމަކު މިރޭ ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލީ އެ ފަސް ދުވަސް ހަމަވުމުގެ ކުރިންނެވެ.

Advertisement

ފުލުހުންގެ ބަންދުން މައުރޫފް ދޫކޮށްލި އިރު، އޭނާ ވަނީ މިއަދު އައިޖީއެމްއެޗުގައި ކުއްލި ސާޖަރީއެއް ކޮށްފަ އެވެ. ސާޖަރީ ކުރަން ޖެހުނީ ފުރަގަސްފަރާތުން ލޭ އަންނާތީ އެ މައްސަލަ ހައްލު ކުރަން ކަމަށްވެ އެވެ.

“މައުރޫފް މިވަގުތު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ. އޭނާ މިހާރު އޮންނެވީ އާއިލާއާއެކު ހޮސްޕިޓަލުގައި،” އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވި އެވެ.

ބޮޑު ކަންނެލި މަސްވެރިން މާލޭ ކައިރީގައި މުޒާހަރާ ފެށި މަސްވެރިންގެ ދުވަހުގައި ޑިސެމްބަރު 10، ގަ އެވެ. ގާތްގަނޑަކަށް 50 ދޯނި ބައިވެރިވާ އެ މުޒާހަރާގައި މަސްވެރިން ކުރަމުން އަންނަ ޑިމާންޑަކީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމެވެ.

އެއީ ބޮޑު ކަންނެލި ކިލޯއެއްގެ އަގު 85 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދަށް ހެދުމާއި ބޭސް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމާއި އައިސް ލިބުމަށް މަގު ފަހި ކުރުމެވެ. އެކަންކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.

މައުރޫފްއާއެކު ޖުމުލަ ހަތް މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެއީ މައުރޫފްގެ އިތުރުން ދެ ކެޔޮޅަކާއި ހަތަރު ބިދޭސީންނެވެ. ތިން މަސްއޮޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި އެވެ. ފުލުހުން ވަނީ މަސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް އޮޑިފަހަރުތަކަށް އަރައި، މުޒާހަރާއަށް ހުރަސް އަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ