ސަރުކާރުން ތައާރަފު ކުރަން މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.
މާލޭ ޓެކްސީ ސާވިސް ފެށުމަށް ހަވާލުވެފައިވާ އެމްޓީސީސީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.
އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އިއުލާނުކޮށްފައިވާއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ. އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ޑްރައިވަރުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ލައިސަންސް ކެޓަގަރީ B1 ނުވަތަ B2 ލިބިފައިވުމެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށް އިއުލާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު