ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެ ދަންޖައްސައި މަރަން ހުކުމް ކުރުމާ ގުޅިގެން ހަސީނާ ހަވާލު ކުރަން ބަންގްލަދޭޝްއިން އިންޑިއާގައި އެދިއްޖެއެވެ.
ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްކޮށް ތިބެގެން މިދިޔަ އަހަރުގެ ޖުލައި މަހުގައި ކުރި މުޒާހަރާތަކެއްގައި އެ ގައުމުގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ޝެއިހް ހަސީނާގެ ވެރިކަން ވަނީ ނިމުމަކަށް ގެނެސްފައެވެ.
އެ މުޒާހަރާތަކާ ގުޅިގެން ހަސީނާ ފިއްލަވައިގެން ވަޑައިގެންފައިވަނީ އިންޑިއާއަށެވެ.
އެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމާ އެކު ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު އެ މައްސަލަ ބަލާފައިވާ ޓްރައިބިއުނަލުންހަސީނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެފައިވުމާއެކު އޭނާގެ މައްޗަށް މަރުގެ ހުކުމް މިއަދު ވަނީ އިއްވައިފައެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާއިން އަމަލުކުރަން ޖެހޭނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ކުށްވެރިން ދޫކުރުމުގެ މުއާހަދާގައިވާ ގޮތުގެ މަތިން ކަމަށެވެ.
އެ ބަޔާނާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފަައިވަނީ ބަންގްލަދޭޝް ރައްޔިތުންގެ މަސްލަހަތަށް ވިސްނާނެ ކަމަށެވެ.
ނަމަވެސް ހަސީނާ އާއި ދައުވާތައް ސާބިތުވެފައިވާ ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒާމާން ޚާން ކަމާލް ބަންގްލަދޭޝްއާ ހަވާލުކުރުމާ ގުޅޭ ގޮތުން އިންޑިއާއިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާގެ މަރަން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރު ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައިމީހުން މެރުމުގެ ގޮތުން ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާފައިވާތީއެވެ.
އެ މައްސަލައިގައި ޝަރީއަތަށް ހާޒިރުވުމަށް ކޯޓުން އެތައް އަމުރެއް ނެރެފައިވީ ނަމަވެސް ވެސް ހާޒިރުވެ ވަޑައިގެންފައި ނުވުމާ ގުޅިގެން ހަސީނާގެ މައްޗަށް ހުކުމް ކުރީ ޣައިރު ހާޒިރުގައެވެ.


ކިޔުންތެރިންގެ ހިޔާލު