އިންޑިއާގެ ވެރިރަށް ނިއު ދިއްލޫގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ ގޭޓް ނަމްބަރު 1 ކައިރީގައި ކާރެއް ތެރޭ އެއްޗެއް ހޮވިކަމުގެ ރިޕޯޓް ދިއްލީ ފަޔާ ޑިޕާޓްމެންޓަށް ލިބުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ. އެއިރު މުޅި ސަރަހައްދުގައި ރޯވެ ދިޔައީ އަނދަމުންނެވެ. އެއް ކާރުގައި ރޯވި އަލިފާންގަނޑު ފެތުރި އިތުރު ކާރުގައި ތަކުގައި ވެސް ރޯވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފޮރެންސިކް ސައިންސް އެންޑް ޓެކްނޮލޮޖީގެ ތަޖުރިބާކާރުން ދަނީ އެ ސަރަހައްދަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ހާދިސާގައި 10 މީހުން މަރުވެ 24 މީހުން ވަނީ ޒަހަމްވެފައެވެ.
އެ ގޮވުން ގޮވާފައި ވަނީ ހިޔުންޑައި 120 ކާރެއްގައެވެ. އެ ކާރުގައި މިރޭ 6:52ގައި އެއްޗެއް ގޮވުމާއެކު، އެ ސަރަހައްދުން މީހުންގެ ހަށިގަނޑުތައް ވެސް ބުރައިގެން ދިޔައެވެ.
“އެއީ ވަރަށް ބާރުގަދަ ގޮވުމެއް،” ދިއްލީ ފުލުހުންގެ އޮފިޝަލުން ބުންޏެވެ.
މަންޒަރު ދުށް މީހަކު ބުނީ، އޭނާއަށް މީހެއްގެ ހަށިގަނޑުގެ ބައިތައް ބުރައިގެން މައްޗަށް ދިޔަ މަންޒަރު ފެނުނު ކަމަށެވެ. އަދި ހަށިގަަނޑުގެ ބައިތައް މަގުމަތިން ވެސް ފެނުނު ކަމަށް ވެސް ބުނެފައި ވެއެވެ.
އެންޑީޓީވީން ބުނީ، އެ މީހާ ވާހަކަދައްކަމުން ދިޔައިރު ވެސް، ތުރުތުރު އަޅާ ކަމަށެވެ. އަދި އެ ގޮވުމުގެ ބާރުގަދަ ކަމުން، ކަންފަތަށް ވެސް އުނދަގޫވި ކަމަށް ބުންޏެވެ.
“އެކަކުގެ ހަށިގަނޑު ފަޅަފަޅައިގެން ގޮސް ކުދިކުދިވީ، އޭނާގެ އެއް އަތް މަގުމަތިން ވެސް ފެނުނު،” އެ މީހާ ކިޔާދީފައި ވެއެވެ.
މަންޒަރު ދުށް އެހެން މީހަކު ބުނި ގޮތުގައި އެ ގޮވުމުގެ ޝޮކްވޭވްގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކާއި ބިއްލޫރިތަކުގެ ފްރޭމްތަކާއި ދޮރުތައް ގުޑުވާލިއެވެ.
ރެޑް ފޯޓް ކައިރީގައި އޮންނަ ޕުރާނީ ދިއްލީ (އޯލްޑް ދިއްލީ) އަވަށަކީ އެ ސިޓީގެ އެންމެ ތޮއްޖެހިފައިވާ އެއް އަވަށެވެ. ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލް އިން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި ދިއްލީގެ އޯލްޑް ދިއްލީ ސަރަހައްދުތަކުން ޓްރެފިކް ވަނީ ބަދަލުކޮށްފައެވެ.
“އަހަރެން ޓެރަސްގައި އިނދެފައި ދުވެފައި ދިޔައީ ބޮޑު އަލިފާން ބޯޅައެއް ފެނުމުން، އެކަން ވީ ގޮތް އޮޅުން ފިލުވަން އަވަސްވެގަތީ. އެ އަޑު އިވިގެން ދިޔައީ ވަރަށް ބާރަށް. އަޅުގަނޑުގެ ގެ ހުންނަނީ ގުރުދާރާ ކައިރީގައި،” އެ އަވަށުގެ މީހަކު އެންޑީޓީވީ އަށް ބުންޏެވެ.
ޒަޚަމްވި މީހުންނަށް އެހީވުމަށް 12 ވަރަކަށް އެމްބިއުލާންސް ވަގުތުން އެ ސަރަހައްދަށް ދިޔައެވެ.
“މި ހުރިހާ ކަމެއް ހިނގީ ވަރަށް ކުއްލިއަކަށް. ބޮޑަށް ހީވަނީ އެއް ކާރު ގޮވީހެން،” މަންޒަރު ދުށް އެހެން މީހަކު އެންޑީޓީވީ އަށް ބުންޏެވެ.
ނިއު ދިއްލީގެ ޑެޕިއުޓީ ފަޔާ ޗީފް ވިދާޅުވީ މި ގޮވުމުގެ ސަބަބުން ހަ ވެހިކަލަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވި ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. މި ހާދިސާއާ ގުޅިގެން އުއްތަރަ ޕްރަދޭޝް ސަރަހައްދާއި އިންޑިއާގެ މާލީ ވެރިރަށް މުމްބާއީގައި ވަނީ ހައި ސެކިއުރިޓީ އެލާޓް ނެރެފައެވެ.
17 ވަނަ ގަރުނުގެ ރެޑް ފޯޓްއަކީ ޒަމާނުއްސުރެ ޝާހީ ގަނޑުވަރެއްގެ ގޮތުގައި އޮތް ތަނެކެވެ. އެތަނަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލުތަނެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު