Advertisement

ދޮޅު އަހަރުވީއިރު ވެސް އިހަވަންދޫގެ ކުނިގޮނޑު ހުސްނުކުރެވުނު!

ހއ. އިހަވަންދޫގެ ކުނި މެނޭޖު ކުރުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވެ، މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފެށި ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެސް ނުފެށޭ ކަމަށާއި، ކުނިގޮނޑު ވެސް ހުސް ނުކުރެވުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

އިހަވަންދޫ ކުނީގެ މައްސަލަ ހައްލުކޮށް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ތަކުރާރު ވެސް ކުރެއްވި އެވެ.

Advertisement

“ކޮންމެގޮތެއް ވިޔަސް، ކުނީގެ މައްސަލައަށް ޒަމާނީ ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ، މި ރަށަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އެހެންވީމާ، ވެމްކޯއާ ހަވާލުކުރެވެންޏާ، ވެމްކޯއާވެސް ހަވާލުކުރާނެ ވާހަކަ މި ދެންނެވީ،” ފެބްރުއަރީ 24، 2024 ގައި މުއިއްޒު އިހަވަންދޫގައި ވިދާޅުވިއެވެ.

ނަމަވެސް ކުނީގެ މައްސަލަ ހައްލުނުކޮށް މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުއިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވިދާޅުވީ “ކުނި މެނޭޖް ކުރުމަކީ، ވަރަށް މުހިންމު އިސްކަމެއް ސަރުކާރުން ދޭ ކަމެއް” ކަމަށެވެ.

އިހަވަންދޫގެ ކުނި މެނޭޖުކުރުމުގެ މައްސަލަ ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސީދާ ތާރީހެއް ނުދެންނެވުނެވެ.

“ސީދާ ތާރީހު އަޅުގަނޑު ނުދެންނެވިޔަސް، ވަރަށް އަވަހަށް އެކަން ނިންމުމަށްޓަކައި، މި ދެންނެވި އިދާރާތަކުން އެދަނީ މަސައްކަތްތައް ކުރަމުން. މިހާރު މުވައްޒަފުން ނެގުމުގެ ކަންތައްވެސް އެއީ، ފެށިފައިވާ ކަމެއް. އެހެންވީމާ، ވެމްކޯއިން އިރާދަކުރެއްވިއްޔާ މި ރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ފަށާނެ،” މުއިއްޒު ވިދާޅުވި އެވެ.

އިހަވަންދޫން ހަވާސާ ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ވެމްކޯއިން އެރަށުގައި މުވައްޒަފުން ނެގުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ނެތް ކަމަށެވެ.

“މަސައްކަތެއް ނުކުރިޔަސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައި އެބަތިބި. އެމީހުން ކުރާނެ މަސައްކަތެއް ވެސް ނެތް،” އިހަވަންދޫ ވާހަކަ ދެއްކި، އެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން 2024 ގެ އޭޕްރީލްގައި ފެށި ނަމަވެސް ގިނަ ދުވަހެއް ނުވެ ހުއްޓައިލި ގޮތަށް އެ މަސައްކަތް އޮތީ ހުއްޓިފައެވެ. އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ހަވާލުވެ، އޮފީސް ހިންގަން “ރަށްވެހި ހިޔާ” ގެ ހޯލު ކުއްޔަށް ނެގި ނަމަވެސް އެތަނަށް ކުލި ވެސް ނުދައްކަ އެވެ. އެހެންވެ ކައުންސިލުގެ އިދާރާއިން ނޯޓިސް ފޮނުވުމަށް ފަހު ވެމްކޯގެ މުވައްޒަފުން އެތަނުން ބޭރުކުރި އެވެ.

ކުނީގެ މައްސަލައަކީ އިހަވަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ކުނި މެނޭޖް ކުރާނެ ނިޒާމެއް ނެތި، ކުނި ގޮނޑު އޮތީ ބޮއްސުން ލައިފަ އެވެ. ރަށުތެރެއިން ދުވާ ގޮނޑު ވަހާއި، މެހި ގިނަވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ