Advertisement

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް ރުހުން ހޯދަނީ

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޑރ. އާއިޝަތު ރަމީލާ އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅައިފެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމުގައި ހުންނަވައި މަރިޔަމް މުނާގެ މެންބަރު ކަމުގެ މުއްދަތު ނޮވެމްބަރު މަހުގެ 30 އަށް ހަމާވާނެ ކަމަށެވެ.

Advertisement

އެހެންކަމުންއެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އާންމުކޮށް އިއުލާނުކުރުން އިޖާބަދިން ބޭފުޅުންގެ ތެރެއިން ރައީސްއަށް ފެންނަ ނަންފުޅު ހުށަހަޅާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވަނީ ޑރ. އާއިޝަތު ރަމީލާގެ ނަންފުޅު ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.

ރަމީލާ ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އެ މަގާމަށް އެކަމަނާ އައްޔަން ކުރެއްވީ ނޮވެމްބަރު 17، 2023 ގައެވެ. އޭނާއަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ރަމީލާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެންސަރުގެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެވަޑައިގެންނެވިއެވެ. މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން ރަމީލާ ގެންދެވީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ. އަދި ބަލި ހާލަތު ހުންނެވި ގޮތުން އެކަމަނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ރަމީލާ މަގާމާ ހަވާލުވެވަޑައިގެންވި އަހަރު ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯއްދަވައިފައެވެ. ރާއްޖެއަށް ޒަމާނީ ދަނޑުވެރިކަން ތައާރަފްކުރުމަށް ޓަކައި ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމާއި މާލޭގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ޓަކައި ޕެޓް ކެއާ ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވަނީ ރަމީލާގެ ބެއްލެވުމުގެ ދަށުންނެވެ.

ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ތައާރަފުކޮށްދިނުމާއި، އާ ބާވަތްތަކުގެ ގަސްގަހާގެހި ތައާރަފުކުރުމުގެ މަސައްކަތް ވެސް ރަމީލާގެ ބެއްލެވުމުގެ ދަށުން މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން، ދަނޑުވެރިންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، އެފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލޯން ވެސް ފޯރުކޮށްދީފައިވެއެވެ.

ވަޒީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ. މީގެ ކުރިން އޭނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ