Advertisement

“އުންމަތްތައް ނިކަމެތިވަނީ އަމިއްލަ ގާނޫނުތަކައް އަމަލުކުރާތީ” : ހުކުރު ހުރުބާ

އިސްލާމީ އުންމަތް ނިކަމެތި ވަނީ، މާތްﷲގެ ޝަރީއަތް ދޫކޮށް، އަމިއްލަ ކަނޑައަޅާ ގާނޫނުތަކަށް އަމަލުކުރާތީ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ދީފައިވަނީ ދީން ރައްކާތެރި ކުރުމުގެ މައްޗަށެވެ.

Advertisement

ޚުތުބާގައި ބުނީ، އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، ވާޖިބެއްކަން ހަނދާންކުރަންޖެހޭ ކަމަށާއި އަންނަން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އެގޮތުން، ޣައިރު ދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކުރުމަށާއި އިސްލާމްދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

އިސްލާމް ދީނަކީ ބާރުވެރި ދީނެއް ގޮތުގައި އޮތުމަށް އެމީހުން ނުރުހޭ ކަން ފާހަގަކޮށް، ޚުތުބާގައި ވަނީ، މުސްލިމުން ބޭނުންވާނަމަ ﷲގެ ޝަރީއަތުގެ މައްޗަށް އެމީހުން ހަދާފައިވާ ގާނޫނުތައް އިސްކުރެވިދާނެ ކަމަށް އިސްލާމް ދީނާ ދެކޮޅު މީހުން ދެކޭ ކަމަށެވެ.

“[އިސްލާމް ދީނާ ދެކޮޅު] އެ މީހުން މީސްތަކުންނަށް ވިސްނައިދެނީ މާތް ﷲގެ ޙުކުމްފުޅުތަކަކީ، ހަމައެކަނި ރަސޫލާގެ ޙަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމުގައެވެ. މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުމެވެ” ޚުތުބާގައި ބުންޏެވެ.

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތް ވެގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ، އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެ ކަންކަން ކަމަށެވެ.

“މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ ވަނީ މަނާކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ.) މާނައީ: ބަޔަކު މީހުންނާއި ވައްތަރުވި މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ. އެ މީހެއްގެ ދީން ރައްކާތެރިކުރަން ބޭނުން މީހާ މި ފަދަ ކަންކަމުން ދުރުވާން ޖެހޭނެއެވެ.” ޚުތުބާގައި ބުންޏެވެ.

އޭގެއިތުރުން، ރަނގަޅު ފަރުދަކު ބިނާކުރެވޭނީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެން ކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި، މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ