ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ވަފުދެއް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި މަންދޫބުންނާ މިއަދު ހެނދުނު ސްރީލަންކާގެ ކޮލޮމްބޯގައި ބައްދަލުކުރައްވައިފިއެވެ.
މި ވަފުދުގައި ހިމެނިވަޑައިގެންނެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ފާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް ނަސީމް އަދި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މެންބަރު ހުސައިން ޝަހީމް އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިހާރު ރާއްޖޭގައި ވެރިކަންކުރަމުންދާ ޕީއެންސީގެ ސަރުކާރުން މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ކަންކަމަށް ނުފޫޒު ފޯރުވުމާއި، ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކާއި، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކާއި، މީޑިއާ ކޮންޓްރޯލް ބިލެއްގެ ޒަރީޢާއިން މީޑިއާ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ކަންކަމާ ގުޅޭގޮތުން އީޔޫގެ އިސްވެރިންނަށް މައުލޫމާތު ދިނުމެވެ. އަދި ދުސްތޫރީ އަދި ޚާރިޖީ ސިޔާސަތުތަކަށް އަންނަމުންދާ އޮޅުންބޮޅުން ބޮޑު ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ.
އެމްޑީޕީގެ ވަފުދުން ވަނީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ އާއި އިސްލާހީ މަގު ފެނުނު ހާލަތާއި، ގާނޫނުތަކުގެ ޒަރީއާއިން މިނިވަން މުއައްސަސާތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރެވުނު ދިގު މަސައްކަތްތައް އީޔޫގެ މަންދޫބުންނަށް ހަނދާންކޮށްދީފައެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ، މިފަދަ ޑިމޮކްރެޓިކް ހަމަތައް މިހާރު ހަލުވިކަމާއެކު ފަހަތަށް ޖެހި، ނެތިދާން ކައިރިވެފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ކޮންމެ އަހަރަކު ފަސް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަކަން ފާހަގަކުރަމުން، ދިވެހިރާއްޖެއާ އެކު އީޔޫގެ ވަރުގަދަ އިގްތިސާދީ އަދި ސަގާފީ ގުޅުމެއްވާކަން އެމްޑީޕީގެ ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމުގައި އީޔޫގެ ސަފީރުންނާއި މަންދޫބުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެމްޑީޕީގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު