ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސައުދީގެ އެންމެ މަތީ މުފްތީ ސަމާހަތުއްޝައިހު އަބްދުލްއަޒީޒު ބިން އަބްދުﷲ އާލު ޝައިހު މިއަދު އަވަހާރަވެއްޖެއެވެ.
ޝެއިޚް އަބްދުލްއަޒީޒް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޝައިޚް އަބްދުލްއަޒީޒްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މެންދުރުފަހު ރިޔާދްގެ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތްގައެވެ.
ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެމަނިކުފާނުގެ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.
އަދި އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ހިދުމަތްތެރި އިލްމުވެރި ބޭފުޅެއް ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. މިގޮތުން އެތައް އަހަރެއް ވަންދެން އަރަފާތުގެ މާތް ބިމުގައި ހައްޖުގައި ހުތުބާ އެމަނިކުފާނު ދެއްވާފައިވާ ކަަމަށްވެސް ޝަހީމް ވިދާޅުވިއެެވެ.
ޝަހީމް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލުއްޝައިޚުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު. pic.twitter.com/owftuqd9Wr
— Ministry of Islamic Affairs (@MVIaffairs) September 23, 2025
ޝެއިޚް އަބްދުލްއަޒީޒް އަވަހާރަވުމާއި ގުޅިގެން ސައުދީގެ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސަައޫދު ވަނީ މައްކާއާއި މަދީނާގައި އަދި ސައުދީގެ މިސްކިތްތަކުގައި އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު