ތައިރޮއިޑަށް ހާއްސަ “ތައިރަނޯމް 25 މައިކްރޯގްރާމް” ބޭހަކީ އާސަންދަ ސްކީމުގެ ދަށުން ފޯރުކޮށްދެވޭ ބޭހެއް ކަމަށާއި، މި ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނަމަ ނުވަތަ އާސަންދައިގެ ދަށުން ނުލިބޭނަމަ “ޝިކާވަތި” ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އާސަންދަ ކުންފުނިން އިއްޔެ އެދިއްޖެއެވެ.
މިގޮތަށް އާސަންދައިން ވިދާޅުވީ މި ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމަށާއި އަގުތައް ތަފާތުވާ ކަމަށް ވިދާޅުވެ، ޑރ. އަބްދުލް އަޒީޒް ހަމީދު މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.
ޑރ. އަޒީޒް ވިދާޅުވީ ހަ އަހަރުގެ ކުއްޖަކަށް ގަވާއިދުން ދޭންޖެހޭ މި ބޭސް، އެސްޓީއޯގެ ހެންވޭރު ފާމަސީގައި ނެތުމުން، މާލޭގެ އޭޑީކޭ ހޮސްޕިޓަލު ކައިރިން ބެލި ދެތިން ފާމަސީއެއްގައި އަގު ތަފާތުވެ، ބައެއް ތަންތަނުން އާސަންދައިން ކަވަރު ނުކުރާ ކަމަށެވެ.
ޑރ. އަޒީޒް ވިދާޅުވި ގޮތުގައި، ފުރަތަމަ ބެލި ފާމަސީއަކުން އެ ބޭސް ހުރީ 90 ރުފިޔާއަށް ކަމަށާއި، އަދި އެ ފާމަސީން ބުނީ އެ ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށެވެ. އެންމެ ފުޅިއަކުން ނުވާތީ އިތުރު ދެ ފާމަސީއެއް ބެލިއިރު، 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އެއް ތަނުން 195 ރުފިޔާއަށް އަށް ލިބެން ހުރިއިރު، ދެވަނަ ތަނުން ލިބެން ހުރީ 240 ރުފިޔާއަށް ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް، އެއިން އެއްވެސް ތަނަކުން ވެސް މި ބޭސް އާސަންދައިން ކަވަރު ނުކުރާ ކަމަށް އެ ފާމަސީތަކުން ބުނެފައިވާކަމަށް ޑރ. އަޒީޒް ވިދާޅުވެފައި ވެއެވެ.
މި ބޭހަކީ ޑައުންސިންޑްރޯމް އާއި އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ކުދިންނަށް ގަވާއިދުން ކާންދޭންޖެހޭ ވަރަށް މުހިންމު ބޭހެކެވެ.
މިކަމާ ގުޅިގެން އާސަންދައިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ތައިރަނޯމް 25 މައިކްރޯގްރާމަކީ އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށެވެ. އަދި ގިނަ ބޭސް ފިހާރަތަކަކުން އެ ބޭސް މިއަދު ވެސް އާސަންދައިގެ ދަށުން ދޫކޮށްފައިވާ ކަމަށް އާސަންދައިން ވިދާޅުވެފައި ވެއެވެ. އާސަންދައިގެ ދަށުން ލިބޭ ބޭސްތައް އެގޮތަށް ނުލިބޭ ކަމަށް ބުނާނަމަ، ބޭސް ފިހާރައިގެ މައުލޫމާތާ އެއްކޮށް “ޝިކާވަތި” ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކޮށްދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
“އާސަންދަ ސްކީމްގެ ތެރެއިން ފޯރުކޮށްދެވޭ މިފަދަ ބޭސް ސްކީމްގެ ތެރެއިން ބޭސް ފިހާރައިން ފޯރުކޮށްނުދޭނަމަ، އެކަން “ޝިކާވަތި” އަށް ބޭސްފިހާރައިގެ މައުލޫމާތާއި އެއްކޮށް ރިޕޯޓްކޮށްދެއްވުން އެދެމެވެ” އާސަންދައިން ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު