އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ރައީސާ ހޮވާ ގޮތަށް ބަދަލު ގެންނަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާއެކު” މި ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓްގެ ނުވަ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޑަބްލިޔުޑީސީގެ ރައީސާއަކަށް މިހާތަނަށް މީހަކު ހޮވާގޮތް ވެސް ބަދަލުކުރަން ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށެވެ. މިހާރު ރައީސާ ހޮވާނީ، ޑަބްލިޔުޑީސީގެ މެންބަރުގެ ތެރޭގައި ނަގާ ވޯޓަކުން ކަމަށާއި އެހެންނަމަވެސް، ކައުންސިލްގެ ރައީސް ހޮވާ އުސޫލުން، ޑަބްލިޔުޑީސީގެ ރައީސާވެސް ހޮވުމަށް ބަދަލު ގެންނަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
“ސީދާ ރައްޔިތުންގެ ބަހެއް މި ހޯދަނީ. އިންތިހާބު މިވަނީ ސީދާ ޑަބްލިޔުޑީސީގެ ރައީސާގެ މަގާމަށް. އެހެންވީމާ، އެ ރަށުގައި އަންހެނުންގެ ފަރާތުން ހުންނަ އެންމެ އިސްމީހާގެ ގޮތުގައި ހަމަ އެ މަގާމަށް އޭނަ މި ހޮވެނީ. ފުލްޓައިމް މަގާމެއްގެ ގޮތުގައި. މިހާތަނަށް ޑަބްލިޔުޑީސީކަކީ، އެލަވަންސެއް ލިބޭ ޕާޓްޓައިމް މަގާމެއް. އެހެންނަމަވެސް، ރައީސާ ވެގެންދާނީ، ކުރިއަށް އޮތް ތަނުގައި ހަމަ ފުލްޓައިމް މުސާރަލިބޭ، ފުލްޓައިމް މަގާމަކަށް. އެވެސް ޑަބްލިޔުޑީސީ ބާރުވެރި ކުރަން ކުރާ ކަމެއް” ރައީސް ވިދާޅުވިއެވެ.
މި އަންނަ އަހަރަށް ބަޖެޓު ހުށަހެޅިގެންދާއިރުގައި، ކުރިއަށް އޮތް ތަނުގައި، ކޮންމެ އަހަރަކުވެސް ޑަބްލިޔުޑީސީތަކަށް މިހާރު މިދޭ ބަޖެޓު ދެގުނައަށް ބޮޑުކޮށްދޭނެ ކަމަށާއި ކައުންސިލްތަކު ބަޖެޓުގެ ތެރެއިން ޑަބްލިޔުޑީސީއަށް ދިހަ ޕަސެންޓް ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
“ވަރަށް ގިނަ ޑަބްލިޔުޑީސީތަކުން އަޅުގަނޑު ގާތުގައި މި ބައްދަލުވުންތަކުގައި ވިދާޅުވޭ، ތިމަންނަމެންނަށް އެއްވެސް މަސައްކަތެއް ނުކުރެވެއޭ މުސާރަދީފައި. ނޫނީވިއްޔާ، އެލަވެންސް ދީފައި ބާކީ އެއްވެސް އެއްޗެއް ނޯވެއޭ. އެހެންވީމާ، ޑަބަލް މި ކޮށްދެނީ. ކޮށްދިނީމާ އެ ބޭފުޅުންނަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެ. އެކި ކަހަލަ ހަރަކާތްތައް ހިންގޭނެ. އެކި ކަހަލަ ކަންކަމުގައި، އަންހެނުންގެ ފަރާތުން މަސައްކަތްކުރެވޭނެ. ވަކާލާތު ކުރެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު ކުރިއެރުމެއް މިއިން ލިބޭނެ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ނިންމި ނިންމުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބޭފުޅުންނަށް ވަރަށް ބޮޑު ބާރުވެރިކަމެއް ދެވިގެންދާނެ ކަމަށެވެ. އަދި ޑަބްލިޔުޑީސީތަކަށް ކުރިމަތިލާން ވިސްނަވާ ބޭފުޅުންނަށްވެސް އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އަދި ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވެސް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު