ދުރުރާސްތާ ޕްލޭންގައި ވިސްނުން ހުރީ ރާއްޖެއަށް އެތެރެ ކުރާ ތަރުކާރީ އާއި މޭވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމާއި އަދި ބައެއް ބާވަތްތައް ރާއްޖެއިން ބޭރުން ބިން ހޯދައިގެން އުފެއްދުމަށް ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.
ތަރުކާރީ އާއި މޭވާ އަދި އެހެން ބައެއް ތަކެތި ހިމެނޭހެން 23 ބާވަތެއް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓްކޮށް ވިއްކަން ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ މިހާރު އޮތީ ހަވާލުކޮށްފައެވެ. އެ ބާވްތަތއް 15 އޮކްޓޯބަރުން ފެށިގެން އެސްޓީއޯއިން ލިބެން ހުރުމަކީ އަމާޒެވެ.
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި އެސްޓީއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ހުރީ ކިހާ މިންވަރެއްގެ ހަނޑުލެއްތޯ އާއި ހަކުރެއްތޯ ފުށެއްތޯ އަދި ތެލެއްތޯ މިއީ އެސްޓީއޯއިން ކޮންމެ ދުވަހަކުވެސް މޮނީޓަރު ކުރަމުން އަންނަ ލިސްޓެއް ކަަމަށެވެ.
“މިއަދު އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން މި ކިޔާ ކާޑު ލިސްޓަށް އިތުރު ވެގެން މި ދިޔައީ އިތުރު 23 ޕްރޮޑަކްޓަކްޓެއް، 26 ޕްރޮޑަކްޓް، ޕްލަސް 20 ޕްރޮޑަކްޓް އަޅުގަނޑުމެން ބަރާބަރަށް ގެންނަމުން ދާނެ،”. ޝިމާދު ވިދާޅުވިއެވެ.
އަދި ތަކުރާރީ އާއި މޭވާގެ ލިސްޓަކީ ކެނޑިނޭޅި އެސްޓީއޯއިން އެތެރެ ކުރާނެ މުދާތަކެއް ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ. މިގޮތުން އޮރެންޖް ޝިޕްމެންޓް މިދިޔަ ހަފްތާއިން ފެށިގެން ގެންނަން ފެށިއިރު، އަންނަ ހަފްތާއިން ފެށިގެން އޮރެންޖާއި އާފަލު ބަރާބަރަށް ސުޕާމާކެޓުން ލިބޭނެ މެކޭނިޒަމެއް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
މިކަންކަމަށް ތައްްޔާރުވުމަށް އެސްޓީއޯއިން ވަނީ އިންޑަސްޓްރިއަލް ވިލޭޖްގައި ޒަމާނީ ފެންވަރެއްގެ ކޯލްޑް ސްޓޯރޭޖްތަކެއްވެސް ގާއިމް ކޮށްފައެެވެ.
އެންމެ ކުރު ރާސްތާގައި ލިސްޓުގައި ހިމެނޭ ބާވަތްތައް ޖެހޭނީ ރާއްޖެއިން ބޭރުން އެތެެރެ ކުރަން ކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ، ދުރުރާސްތާ ޕްލޭންގައި މި އެއްޗެހި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އުފެއްދުމާއި އަދި ބައެއް ބާވަތްތައް ރާއްޖެއިން ބޭރުން ބިން ހޯދައިގެން އުފެއްދުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ.
“އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ސޮލިއުޝަަނެއް ގެންނަން ރާއްޖެއިން ފޮރިން ކަރަންސީ އާއި ބޭރު ކަރަންސީ ޑިޕެންޑްވާ ޑިޕެންޑްވުމަށް، ފުދޭ ވަރެއްގެ ބޮޑު އެއްޗެއް އެބަދޭ. އަޅުގަނޑު މި ދޭތެރެއިން ބަަލައިިލިން އެންމެ ޕްރޮޑަކްޓެއް، ފިޔާ، ބަަލައިލިއިރު އަހަރެއްގެ މައްޗަށް އެބަދޭ 12-15 ވަރަކަށް މިލިއަން ޑޮލަރު ފިޔާ އެތެރެ ކުރަން،”. ޝިމާދު ވިދާޅުވިއެވެ.
އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ފާޓައިލް ރަނގަޅު ބިމެއް ހޯދައިގެން، މި މަސައްކަތް އެސްޓިއޯއިން ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި ދުރު ރާސްތާގައި މިކަން ކުރާނެ ކަމަށެވެ.
“އެއީވެސް ހަމަ ސަރުކަރުން، ރައީސްގެ މި އަމާޒަށް ވާސިލްވުމަށްޓަކައި، އެސްޓީއޯއިން ކުރައްވާ މަސައްކަތަކަށް ވެގެން ދާނީ،”. ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މި ލިސްޓުގައި ހިމެނޭ ބާވަތްތައް ފިޔަވާ އިތުރު ބާވަތްތަކުގެ އަގު ބޮޑުވާނަމަ، އެސްޓީއޯއިން އެ ބާވަތްތައްވެސް ރާއްޖެ ގެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު