އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު ހުސެއިން ހަސަން މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ ހުސެއިން ހަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކުގައި ދޫކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ކުރި ޝަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކުރި ޝަރުތެވެ.
ހުސައިން ހަސަން ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ އާއި ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލު ކުރުމަށް ނަސޭހަތް ދިން ނަމަވެސް ޖަދަލުކޮށް، އެންގުމާ ހިލާފަށް ކަންކަން ކުރުމުންނެވެ.
ފުލުހުންގެ އެންގުމާ ހިލާފަށް ސީންގެ ތެރެއަށް ވަދެ ހުސައިން ހަސަން އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހުސެއިން ހަސަނަކީ މީގެކުރިން މީޑިއާ ކައުންސިލްގެ މެމްބަރެއް އަދި ނޫސްވެރިއެކެވެ. އޭނާއަކީ މިހާރު އެމްޑީޕީގެ ގއ. ވިލިނގިލި ދާއިރާގެ ރައީސްގެ އިތުރުން އެ ޕާޓީގެ “ޒުވާނުންގެ ހިތްވަރު” ގެ މީޑިއާ ކޮމިޓީގެ މުގައްރިރެވެ.
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
ހުސެއިން ހަސަން ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު