ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށެވެ.
“އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާ ވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ،”. ރައީސް ވިދާޅުވެފައި ވެއެވެ.
ރައިސް މިގޮތަށް ވިދާޅުވެފައިވާއިރު، މިއީ މިހާރުވެސް ގިނަ މެންބަރުންވެސް ވަކާލަތު ކުރައްވަމުން ގެންދަވާ ކަމެކެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންވެސް އޮތް މައްސަލައެކެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެއެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެއެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާގޮތުން އެއް ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކުރިން ލިބުނު މުސާރައިގެ %30 ދޭން ވާނެއެވެ. އަދި ދެ ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކުރިން ލިބުނު މުސާރައިގެ %45 ދޭން ވާނެއެވެ. ނަމަވެސް ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެ އިނާޔަތްތައް ނުލިބޭނެ ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު