Advertisement

ޝީ ދެއްވީ ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާއިން އެހީވާނެ ކަމުގެ ޔަގީންކަން

ރާއްޖެ އިން ކަނޑައަޅާފައިވާ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ދެއްވައިފިއެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު، ޗައިނާގައި ހުންނެވި ރައީސް ޑރ. މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ އަދި ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާއި ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި ޗައިނާގެ ރައީސް ބޭއްވެވި ބައްދަލު ކުރެއްވުމުގައި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

މި ބައްދަލުވުމުގައި ޝީ ޖިންޕިން ވަނީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޗައިނާއިން ވައުދުވެފައިވާކަން ކަށަވަރުކޮށް ދެއްވައި މި ގުޅުން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. އަދި ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް (2024–2028) ގެ ދަށުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރަން ދެ ލީޑަރުން ވެސް އެއްބަސްވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެވަނަ ފަހަރަށް ޗައިނާ އަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ޗައިނާ ރައީސް ޝީ ދެއްވި ހޫނު މަރުހަބާ އަދި މެހްމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން އެކަމަށް ޝުކުރު ދަންނަވައިފައެވެ. ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ޗަައިނާގެ ރައީސް ޝީ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ރައީސް ބައްދަލު ކުރައްވާނެއެވެ. އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ ދަތުރުފުޅަށް ފަހު، ރާއްޖެ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ