Advertisement

މަސްކިރުވި ދޯނިތަކުގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރު

ރާއްޖޭގެ މަސްވެރިކަން ކުރިއަރައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިތަކުގެ އަދަދު ބޮޑުތަނުން އިތުރުވެ، މިދިޔަ ހަފްތާގައި މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާގައި މިފްކޯއަށް ޖުމްލަ 234 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި 165 ދޯންޏާ އަޅާބަލާއިރު 41.8 އިންސައްތައިގެ ކުރިއެރުމެކެވެ. މަސްކިރުވި ދޯނިތަކުގެ އަދަދު އިތުރުވުމާއެކު، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 10,390,914 ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި ދޫކުރި 6,701,624 ރުފިޔާއާ އަޅާބަލާއިރު 55 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

Advertisement

މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ދުވަހު 45 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 2,791,221 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެކެވެ. މި ތަސައްވުރު ހާސިލްކުރުމަށްޓަކައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުކޮށް މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފައެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި މަސްވެރިންގެ ދަފްތަރުގައި ނުހިމެނޭ 24 އަހަރުން ދަށުގެ 5 ޒުވާނަކަށް ވަނީ ފުރުސަތު ދެވިފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފަށާފައިވާ މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހާއި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީގޮތުން ހަރަކާތްތެރިވެ، ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުވެ، ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ