ރާއްޖޭގެ އެންމެހައި ރަށްރަށުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މީގެ ފަސް އަހަރު ކުރިން ޢަމަލުކުރަން ފެށުނު ފެނާއި ނަރުދަމާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރަންޖެހެއެވެ. އެ މުއްދަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވެފައިވާއިރު، އަދިވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، މިފަދަ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މި ސަބަބަށްޓަކައި، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ވަނީ އެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރުމަށް ހުށަހަޅުއްވާފައެވެ. މި ބިލް ކޮމިޓީން ދިރާސާކުރުމަށްފަހު، މިއަދު މަޖިލީހުގެ ޖަލްސާގައި ފާސްކުރެވުނެވެ.
މި އިޞްލާޙު ފާސްކުރުމަށް 61 މެންބަރުން ވޯޓު ދެއްވިއިރު، އެމްޑީޕީއަށް ނިސްބަތްވާ ހަތް މެންބަރަކު މި އިޞްލާޙާ ދެކޮޅަށް ވޯޓު ދެއްވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދު 2023 ވަނަ އަހަރަށް ފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވީ ނަމަވެސް، ވެރިކަމުގެ ދައުރު ހަމަވިއިރު ބައެއް ރަށްރަށުގައި އެ މަސައްކަތް ނުނިމިވެއެވެ. ނަމަވެސް، އެ ސަރުކާރުން ވަނީ ގިނަ ރަށްތަކެއްގެ މަޝްރޫޢުތައް ހަވާލުކޮށްފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެ ވަޢުދު އެމްޑީޕީއަށް ނުފުއްދުނު ކަމަށް ވިދާޅުވެ، އެ ޕާޓީއަށާއި ކުރީގެ ސަރުކާރަށް ފާޑުކިޔާފައެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އަވަސްކުރުމުގެ ބަދަލުގައި ޤާނޫނަށް ބަދަލު ގެނެސްގެން ސުންގަޑި ދަންމާލާތީ، ސަރުކާރަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު