އިސްރާއީލުން މުޅި ޣައްޒާ ހިފަން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ ޣައްޒާ ސިޓީގެ އަސްކަރީ ކޮންޓްރޯލް ނެގުމަށް ރާވަމުންނެވެ. ނަތަންޔާހޫ މިގޮތަށް ވާހަކަ ދައްކަވާފައިވަނީ ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނީ ޣައްޒާ ސިޓީގެ އަސްކަރީ ކޮންޓްރޯލް އިސްރާއީލުން ނެގުމަށް ގަސްތުކުރާ ކަމަށެވެ.
މިއަދު ބޭއްވި ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމަކަށްފަހު، ނަތަންޔާހޫގެ އޮފީހުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް ހުއްދަ ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި ޕްލޭނަކީ ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މި ހަފްތާގެ ތެރޭގައި ސަލާމަތީ މަޖިލީހަށް ހުށަހަަޅާފައިވާ ޕްލޭނެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މިކަމާއި ދެކޮޅަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާއީލުން ހާމަކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައުއަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއިދު ކުރާކަން ދަނީ ހާމަކުރައްވަމުންނެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަން ރާއްޖެއިން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު